އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ ނިމިފައި އޮތީ 54 ޕަސެންޓު މަސައްކަތް ކަމަށާއި ގިނަ މަސައްކަތް ހަވާލުކުރީ މި ސަރުކާރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު މިއަދު ވިދާޅުވީ އާ ޓާމިނަލް މަސައްކަތް ފެށީ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިތުރު މަސައްކަތެއް ކުރެވިފައިވާ ކަމަށެވެ. އަދި ބާކީ ހުރި ހުރިހާ މަސައްކަތެއް ނިންމީ މި ސަރުކާރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެއީ ގާތްގަނޑަކަށް ދޮޅު އަހަރުގެ ތެރޭގައި. ދެން އެ ފެކްޓްސްތައް ބަލާ ކޮންމެ މީހަކަށްވެސް ފެންނާނެ ކޮން ވެރިކަމެއްގައިކަން ކޮން މަސައްކަތެއް ކުރެވިފައި ހުރީ ދެން މިކަމުގައި ނުޖެހޭނެ ނޫންތޯ ތިމަންނައޭ ގިނަ މަސައްކަތް ކުރީ ބުނާކަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން، ޓްރާންސިޝަން ޕީރިއަޑްގެ ތެރޭގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެއާޕޯޓް މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ކަމަށެވެ. އަދި އެދުވަހު ދެއްވި އިންޓަވިއުގައި ވެސް އެއާޕޯޓް މަޝްރޫއު އަކީ މި ސަރުކާރުގެ އެންމެ މުހިންމު މަޝްރޫއުކަން ފާހަގަކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެދުވަހު އަޅުގަނޑަށް އެނގުނު ކިހާވަރަކަށް ކަން ނިމިފައި ހުރީ. އެތެރޭގެ ގިނަ ކަންކަން ހުރީ ކުރަންވެފައި. އަދި ޓާމިނަލް އިމާރާތުން ނިމޭ ކަމެއް ވެސް ނޫން މިއީކީ. އޮޕަރޭޝަނަލް ވަންޏާ ކުރަންޖެހޭ ގިނަ މަސައްކަތްތައް ހުރީ. އަދި އެ ޕްރޮޖެކްޓް ސްކޯޕް ތެރޭއިން ހަވާލުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ހަވާލު ނުކޮށް. އެއްތަނަކީ ހެޑް އޮފް ސްޓޭންޑް އޮން މަގޭ މިކިޔާ ޓާމިނަލްގެ އެއްވެސް ގޮތަކަށް ބޭނުން ހިފަންޖެހޭ ކަމުގައިވާނަމަ ހަދަން ޖެހޭ މަގު އެއީ. މައި ބަދަ އެހެން ގޮތަކަށް ބުނާނަމަ. މައިބަދަ ނެތް އެއްވެސް ބަޔަކާ ހަވާލުކޮށްފައެއް. އެމަގު ވެސް އަޅުގަނޑުމެން ހަވާލުކުރީ ބަޔަކާ ހަދަން،" ރައީސް ވިދާޅުވިއެވެ.
"މި ޓާމިނަލް ޕްރޮޖެކްޓް 54 ޕަސެންޓް އޭރު ނިމިފައި އޮތީ އަޅުގަނޑުމެން ހަވާލުވިއިރު، އަދި ޓާމިނަލް ނިމުނަކަސް ބޭނުމެއް ނުކުރެވޭ ހެޑް އޮފް ސްޓޭންޑް އޮން ނެތިއްޔަކާ. ދެން ޑިއުޓީ ފްރީއެއްވެސް ނެތް ހަވާލުކޮށްފައެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެންމެ ފުރަތަމަ ބޭނުންވީ މިދިޔަ އޮކްޓޯބަރު މަހަށް ޓާމިނަލްގެ މަސައްކަތް ނިންމައި ހުޅުވަން ކަމަށެވެ. ނަމަވެސް ދިމާވި އެކި ހުރަސްތަކާ އެކު މަސައްކަތް މި ނިމެނީ މިނިވަން ދުވަހަށް ކަމަށެވެ.
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް