ގިރާވަރުފަޅު ހިއްކަން ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަކީ މަޝްރޫއު ކުރިއަށް ނުގެންގޮސް، ބަދަލު ހޯދަން މަސައްކަތްކުރާ ކުންފުންޏެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ތުހުމަތުކުރައްވައިފިއެވެ.

މިދިޔަ ސަރުކާރުން ހަވާލުކުރި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ އިތުރުން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުން އަދި މި ސަރުކާރުގެ ރަސްމާލެ ހިއްކުމުގެ މަޝްރޫއާ ވެސް ހަވާލުވީ ސީއެމްސީސީންނެވެ. އޭގެ ތެރެއިން ސަރުކާރުން ވަނީ ރަސްމާލެ ހިއްކަން އެ ކުންފުންޏާއެކު ވެފައިވާ އެގްރިމެންޓް ބާތިލުކޮށްފައެވެ.

އާންމުންނަށް މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތާއެކު ސިލްސިލާކޮށް ބާއްވަމުން އަންނަ "އަހާ" ފޯރަމްގައި މީހަކު ރޭ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު ވަނީ ގިރާވަރުފަޅުގެ މަސައްކަތްތަކުގެ ކޮންޓްރެކްޓަރާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. ނަމަވެސް އެ ވާހަކަތައް ދައްކަވަމުން ގެންދެވި އިރު، ސީއެމްސީސީގެ ނަން ބޭނުންކުރައްވައިފައެއް ނުވެއެވެ.

މިނިސްޓަރު ވިދާޅުވީ ގިރާވަރުގެ ކޮންޓްރެކްޓަރު ސީއެމްސީސީއަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ދެ ފަހަރެއްގެ މަތީން 20 މިލިއަން ޑޮލަރު ސަރުކާރުން ދީފައިވާ ކަމަށާއި އޭގެ ފަހުން އެ މަސައްކަތް ކުރިއަށްގެންދިއުމުގެ ގޮތުން މި ސަރުކާރުން ވެސް 15 މިލިއަން ޑޮލަރު ދީފައިވާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށްގެންދަން ސީއެމްސީސީން ބޭނުންނުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ބެލިބެލުމުން އެތަނުގައި ހިއްކާފައި އޮތީ 20 މިލިއަން ޑޮލަރަށްވާ ވަރަށް. އެހެންނަމަވެސް އެޑްވާންސްގެ ގޮތުގައި 20 މިލިއަން ޑޮލަރު ދީފައި އޮތީމަ، އެބޭފުޅުން 15 މިލިއަން ޑޮލަރު ދިނަސް މަސައްކަތްކުރާކަށް ބޭނުމެއް ނުވި. ގިރާވަރުގެ އެގްރިމެންޓު ހަދާފަ އޮތީ ސަރުކާރަކާއެކީއެއް ނޫން، ގިރާވަރު އެގްރިމެންޓު ހަދާފަ އޮތީ އެ ކުންފުންޏާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކިޔާ ސަރުކާރުގެ ކުންފުންޏަކާ،" މިނިސްޓަރު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ އެގްރިމެންޓް ހަދާފައި އޮތްގޮތުން އެގްރިމެންޓް ބާތިލުކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވައިގެން މަސައްކަތްކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެ މައްސަލައަށް މުޅީން ހައްލެއް ހޯދިފައިނުވާ ކަމަށެވެ. މަސައްކަތްކުރާނީ ސަރުކާރަށް ގެއްލުން ނުވާނެ ގޮތަށް އެގްރިމެންޓް ބާތިލުކުރަން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި ދަންނަވާ ކޮންޓްރެކްޓަރުގެ ކަންތައްތައް ހިސްޓްރީގައި ހިނގާފައި އޮތް ގޮތުން ވެއްޖެއްޔާ ވެސް އަބަދުވެސް ކޮންޓްރެކްޓް ހަދާފަ ހުންނަނީ ޓާމިނޭޓް ކުރުމުގެ ދިމާއަށް ދިއުމުގެ ވިސްނުމުގައި ހަގީގަތުގަ. ޓާމިނޭޓް ކޮށްފައި ދެން މިދަނީ އާބިޓްރޭޝަނަށް ފައިސާ ހޯދަން. އެގޮތުން ބޮޑެތި ބަދަލުތައް އަބަދުވެސް ހޯދާ. އެހެންވީމާ އަޅުގަނޑުމެން އެބަ ވިސްނަން ޖެހޭ ޓާމިނޭޓް ކުރާއިރުގަ، އުސޫލުތަކުގެ ތެރެއިން ވީހާވެސް ރަނގަޅަކަށް ޓާމިނޭޓް ކުރަން. އެހެންނޫނީ އަޅުގަނޑުމެން ގޮވައިގެން ގޮސް، އެތައް މިލިއަން ޑޮލަރެއް އެ ފަރާތަށް ބަދަލުދޭން ޖެހިދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ކުރީން ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަކަށް ގުޅިފަޅުން ބިން ހަމަޖައްސައިދީފައިވާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ގިރާވަރުފަޅު ހިއްކެންދެން ސަރުކާރުން މަޑު ނުކުރާނެ ކަމަށާއި ލޭންޑްޔޫސް ޕްލޭނަށް ގެންނާން ޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް ވެސް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ހިއްކާފައި އޮތް 60 ހެކްޓަރުގެ ބިމުން ގޯތި ލިބިފައިވާ ފަރާތްތަކުން އެއްބަސްވާ ނަމަ، އެ ފަރާތްތަކަށް އެތަންތަން ހަވާލުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.