މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އާ ސްކީމްތަކަށް ހުޅުވާލާ އިރު، ދަރިން ލިބުމުން މަހުރޫމުވެފައިވާ ނުވަތަ ދަރިން ހޯދުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ މީހުންނަށް ޕޮއިންޓު ލިބޭނެ އުސޫލެއް ކަނޑައަޅާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އާންމުންނަށް މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތާއެކު ސިލްސިލާކޮށް ބާއްވަމުން އަންނަ "އަހާ" ފޯރަމްގައި މީހަކު މިރޭ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މީގެ ކުރިން ހިންގި ސްކީމުތަކުގައި ދަރިން ނެތް މީހުންގެ ޝަރުތު ހަމަވި ނަމަވެސް، ދަރިން ތިބި މީހުންނަށް ލިބޭވަރަށް ޕޮއިންޓު ނުލިބޭ ކަމަށެވެ.
"އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ވައުދާ އެއްކޮށް، އާ ސްކީމު ހެދުމުގެ މަސައްކަތް ކުރިއަށްގެންދާ އިރުގައި، އަޅުގަނޑުމެން މިހާރުވެސް ފާހަގަކޮށްފައި އިންކަމެއް، އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ވެސް ސަރުކާރުން އަޅަމުންގެންދާ ހައުސިން އެކިއެކި ސްކީމުތައް މިހާރު ނިމިފައި ހުރި ތަންތަނާއި އަލަށް އަޅަމުންދާ އަދި ނިމެން ކައިރިވެފައި ހުރި ތަންތަނަށް އަޅުގަނޑުމެން އިއުލާންކުރާ އިރު، އަޅުގަނޑުމެން އެބަ ކަނޑައަޅަން ހަގީގަތުގައި ކައިވެނިކޮށްގެން ވަކި މުއްދަތެއްގެ ތެރޭގައި ދަރިއަކު ނުލިބޭ ކަމަށްވަންޏާ، އެކަމުގައި ޑޮކްޓަރެއްގެ ލިޔުމެއް އޮތް ކަމަށްވެއްޖެއްޔާ އެ ފަރާތަށް ޕޮއިންޓު ލިބޭ ކަހަލަ މެކޭނިޒަމެއް ހެދުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެމީހުން އެ ދަތިކަމުގެ ތެރޭގައި އުޅެން ޖެހުމަކީ ސަރުކާރުން ވިސްނާނެ ކަމެއް ކަމަށާއި އެމީހުންނަށް ވެސް ހައްގުތަކެއް އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ޕޮއިންޓުދީގެން އެކަން ކުރިއަށްގެންދަން ޖެހެނީ މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އޮތް މިންވަރަށް ބަލާ އިރުގައި، އެ ވަރަށް ބޯހިޔާވަހިކަން ފޯރުކޮށްނުދެވޭތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދަރިން ނެތް މީހުންނަށް ވެސް ފުލެޓު ލިބިފައިވާ ކަމަށާއި އެކަންކަން ކޮށްފައިވަނީ ދިރިއުޅުމުގެ ހާލަތާ ބެހޭ މައުލޫމާތުތައް އޮޅުވާލައިގެން ކަމަށެވެ. ނަމަވެސް ގެދޮރުވެރިކަމާ ބެހޭ ގާނޫނަށް އަލަށް ގެންނަ ބަދަލާއެކު އެ ކަންކަން ހައްލުވެ، އަލަށް ކައިވެނިކުރާނެ ޒުވާނުންނަށް ވެސް ފުރުސަތު ލިބޭނެ ގޮތްތަކެއް ތަނަވަސްވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު