ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހެދި 4،000 ފުލެޓް ލިބިފައިވާ މީހުންނާއެކު އަންނަ ހަފުތާގައި ސޮއިކުރަން ފެށޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް މިނިސްޓަރު ވަނީ ޖެހިގެން އަންނަ ހަފުތާގައި އެގްރިމެންޓުތަކުގައި ސޮއިކުރަން ފެށޭނެ ކަމަށް ވިދާޅުވެފައެވެ.

އާންމުންނަށް މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތާއެކު ސިލްސިލާކޮށް ބާއްވަމުން އަންނަ "އަހާ" ފޯރަމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެގްރިމެންޓުތަކުގައި ސޮއިކުރުމަށް ލަސްތަކެއް ވެގެންދަނީ ވަރަށް ގިނަ އާންމު ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތަކަށްވާތީ، އޮފީހަށް ގެނެސްގެން ސޮއިކުރެވޭނެ ކަމަކަށް ނުވާތީ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިހާރުގެ ޓާގެޓަކީ އެ ހުރިހާ ކަންތައްތަކެއް ވެސް ހަމަޖައްސައި، އަންނަ ހަފުތާގެ ތެރޭގައި އެގްރިމެންޓުގައި ސޮއިކުރަން ފެށޭވަރު ވާނެ ކަމަށް. އަންނަ ހަފުތާގައި ފެށޭނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެގްރިމެންޓުތަކުގައި ސޮއިކުރުމުގެ މަސައްކަތްކުރާނެ ތަނެއް ހަމަޖެއްސުމުގެ މަސައްކަތްކޮށް، މިހާރު އެކަމަށް ތަނެއް ހަމަޖެހިފައިވާ ކަމަށާއި އެތަނުގައި ޓެންޓު ޖެހުމުގެ މަސައްކަތާއި އަދި އެކަމަށް ބޭނުންވާ އިދާރީ އެހެނިހެން މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ލިސްޓުގައި އޮތް ފަރާތްތަކުގެ އެކި ކަހަލަ ވެރިފިކޭޝަންތައް، އުސޫލުގައި ބަޔާންކޮށްފައި ހުރި ކަންތައްތައް ސައްހަގޮތުގައި ހުރިތޯ ނޫންތޯ ބެލުމުގެ މަސައްކަތްތައް އަޅުގަނޑުމެން ބަލަމުން މިގެންދަނީ ނިމިފައި ހުރި ޓަވަރުތައް، އެ ފަރާތްތަކަށް އިސްކަންދީގެން. އަޅުގަނޑުމެންނަށް ލިސްޓުތަކެއް ފައިނަލް ކުރެވިފައި ހުރީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާއި ކަމާބެހޭ އިދާރާތަކުން އެގްރިމެންޓު ފައިނަލްކޮށްފައި ނުވާ ކަމަށާއި މިހާރު އޭޖީ އޮފީހުން އެގްރިމެންޓު ފައިނަލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ސަރުކާރު ނިމެނިކޮށް ފުލެޓު ލިބޭ މީހުން ލިސްޓު އާންމުކޮށްފައިވާ އިރު، އެ ލިސްޓުގައި ގިނަ މައްސަލަތަކެއް ފާހަގަވެގެން މި ސަރުކާރުން ވަނީ އެ މައްސަލަތައް ބަލައިފައެވެ. އަދި އެ މައްސަލަތައް ބަލައި، މި ސަރުކާރުން ވަނީ ކުރީގެ ލިސްޓް މުރާޖައާކޮށް 27 ފެބުރުއަރީގައި ލިސްޓެއް ނެރެ ޝަކުވާއަށް ހުޅުވާލައިފައެވެ. އެ ލިސްޓުގައިވާ ގޮތުން ޝަރުތު ހަމަވެފައިވަނީ 1،820 މީހުންނެވެ.

ނަމަވެސް މި ސަރުކާރުން ފަހުން ނިންމާފައިވަނީ ކުރީ ސަރުކާރުން ނެރުނު ފުލެޓު ލިސްޓުގައި ހިމަނާފައި ހުރި ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރުމަށްފަހު އެ ލިސްޓުގައި ބާކީ ތިބި މީހުންނަށް ފުލެޓު ދިނުމަށެވެ.