ލޮލުގެ ސިއްހަތުގެ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ލަނޑުދަނޑިތައް ހާސިލުކުރުމުގެ މަގުޗާޓު ކަމަށްވާ "މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާހުކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު ހުޅުމާލެ ވޯޓާ އެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އިނީޝިއޭޓިވް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްހަތު ޖައްމިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބް މިސް ޕޭޑެން އާއި ހެލްތު މިނިސްޓްރީގެ އިސްވެރިން އަދި މާލެ ސަރައްހަދުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސްޕެކްސް 2030 އިނީޝިއޭޓިވްއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް އެކަށީގެންވާ ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ލިބޭނެ ގޮތް ހޯދައިދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އިސްނަގައިގެން ކުރިއަށްގެންދާ އިނީޝިއޭޓިވްއެކެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ މަގުޗާޓަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރަން ނިންމާފައިވާ މަސައްކަތުގެ ތެރެއިން މުހިންމު ކަމެއް ކަމަށެވެ. އެ މަގުޗާޓުގެ މަގުސަދަކީ ގައުމީ ފެންވަރުގައި ލޮލުގެ ފަރުވާއާއި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކޮށް، ލޮލުގެ ފެނުމުގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މޯލްޑިވްސް ސްޕެކްސް 2030ގެ ސަބަބުން ރާއްޖޭގައި ލޮލުގެ ސިއްހަތު ރައްކާތެރިކުރުމަށް ބޭނުންވާ ކަންކަން މަގުފަހިވެ، އެންމެންނަށް ފަސޭހައިން ލޮލުގެ ހިދުމަތްތައް ލިބޭނެ ގޮތް ފަހިވެގެންދާނެ ކަމަށާއި އޭގެ ތެރެއިން ރާއްޖޭގައި ލޮލުގެ ސިއްހަތާ ގުޅޭ ސްޓެރެޓެޖީއެއް މިނިސްޓްރީ އާއި ޑަބްލިޔުއެޗްއޯއާ ގުޅިގެން އެކުލަވާލެވިގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ސްޓްރެޓެޖީ އެކުލަވާލުމަށް ނިންމާފައިވަނީ ލޮލުގެ ސިއްހަތާ ބެހޭ މައުލޫމާތާއި، ސްޓްރެޓެޖިކް ޕްލޭނިން ޓޫލްސް، އަދި ކަމާ ގުޅޭ ފަރާތްތަކެއްގެ ބައިވެރިވުމާއެކުގައެވެ. އޭގެ ދަށުން ލޮލުގެ ސިއްހަތާ ގުޅޭ އައިކެއާ ސިޗުއޭޝަން އެނަލިސިސް ޓޫލް (އީސީއެސްއޭޓީ) ބޭނުންކޮށްގެން، ރާއްޖޭގައި މިހާރު ލޮލުގެ ސިއްހަތާ ގުޅޭ ހިދުމަތްތައް ދެމުންގެންދާގޮތް ވަޒަންކޮށް، ލޮލުގެ ފަރުވާގެ ހިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މާލެ ސަރަހައްދުގެ ސިއްހީ ދާއިރާގެ ފަންނީ މާހިރުންނާއި ލޮލުގެ ޑޮކްޓަރުންނާއެކު ތިން ދުވަހުގެ ޓެކްނިކަލް ވޯކްޝޮޕެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ.

މިނިސްޓްރީން ބުނީ އެެ ވޯކްޝޮޕްގައި ސްޓްރެޓެޖީ އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރަން ނިންމާފައިވާ ކަމަށާއި އަދި އެކަމާ ގުޅޭގޮތުން އަތޮޅުތަކަށް މިޝަން ފީލްޑް ދަތުރުތަކެއް ރާވާފައިވާ ކަމަށެވެ.