ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ކާމިޔާބު ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފިއެވެ.

ވީއައިއޭގެ އާ ޓާމިނަލުގައި ޕެސެންޖާ ބޯޑިން ބްރިޖު (ޕީބީބީ) އާއެކު މަތިންދާބޯޓުން ފައިބައިގެން ފަސިންޖަރުންނަށް ސީދާ ޓާމިނަލަށް ވަދެވޭނެއެވެ. އެކަމުގެ ސަބަބުން ފަސިންޖަރުން އުފުލަންޖެހޭ ދަތިތައް ކުޑަކުރެވި, ވަގުތު ސަލާމަތްކުރެވި, ރައްކާތެރިކަން ކަށަވަރު ކުރެވޭނެއެވެ.

ވަގުތުގެ ގޮތުން ބަލާ ނަމަ ޕީބީބީ އާއެކު މަތިންދާބޯޓަކުން ފަސިންޖަރުން ހުސްކުރުމަށް ނަގާނީ އަށް ވަރަކަށް މިނެޓެވެ. އެކަމުގެ ސަބަބުން މަތިންދާބޯޓު ފުރުވާލުން އަވަސްވެ, އިތުރު މަތިންދާބޯޓަށް ޖާގަ ލިބިގެންދާނެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނީ އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ކުރިއަށްގެންދިޔަ ޓްރަޔަލްއަކީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން އޮރާޓް ޕްރޮސެސްގެ ތެރެއިން ކޮންމެހެން ކުރިއަށްގެންދަންޖެހޭ ޓްރަޔަލްއެއް ކަމަށެވެ.

މިއަދުގެ ޓްރަޔަލް ފައްޓަވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. އެ ޓްރަޔަލް ކުރިއަށްދިޔަ ގޮތް ގާތުން ބައްލަވައިލެއްވުމަށް ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

13 ޖުލައި 2025: އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ޓެސްޓުތަކެއް ކުރިއަށް --- ފޮޓޯ/އެމްއޭސީއެލް

ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވިދާޅުވީ, މިއަދަކީ އެމްއޭސީއެލާއި ރާއްޖޭގެ ހަޔާތުގައި މުހިންމު އަދި އެމްއޭސީއެލްގެ މުވައްޒަފުންނަށް އުފާވެރިކަމެއް ލިބިގެންދާނެ ދުވަހެއް ކަމަށެވެ. އެގޮތުން މިއަދަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަސެންޖާ ބޯޑިން ބްރިޖަކުން ފަސިންޖަރުން ޓާމިނަލަށް ބޭލޭނެ ގޮތް ކަށަވަރު ކުރި ދުވަސް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންގެ އެއާބަސް އޭ330ގެ މަތިންދާބޯޓަކާއި އޭ320ގެ މަތިންދާބޯޓެއް ބޭނުންކޮށްގެން މިއަދު ކުރިއަށްގެންދިޔަ ޓްރަޔަލްގައި އާ ޓާމިނަލްގައި ގާއިމުކޮށްފައިވާ 12 އޭރޯ ބްރިޖުގެ ތެރެއިން ދެ ބްރިޖެއް ބޭނުންކުރިއެވެ.

އޭގެ އިތުރުން އާ ޓާމިނަލް އާއެކު ބޭނުންކުރަން ފަށާ އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑިން ސިސްޓަމް (އޭވީޑީޖީއެސް) ވެސް ވަނީ ކާމިޔާބުކަމާއެކު ޓެސްޓުކޮށްފައެވެ. މިއީ ދުބާއީ, ސިންގަޕޫރު އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގެ އެއާޕޯޓްތަކުގައިވެސް ބޭނުންކުރާ, ދުނިޔޭގެ އެންމެ އެޑްވާންސް މި ސިސްޓަމް ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ.

13 ޖުލައި 2025: އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ޓެސްޓުތަކެއް ކުރިއަށް --- ފޮޓޯ/އެމްއޭސީއެލް

އެޑްވާންސް ވިޝުއަލް ޑޮކިން ސިސްޓަމް (އޭވީޑީޖީ) އަކީ ކޮބާ؟

ވީއައިއޭއަށް މަތިންދާބޯޓެއް ޖެއްސުމުން, އެ މަތިންދާބޯޓުގެ ޕައިލެޓަށް, ޓެކްސީ ވޭއިން އެއާޕޯޓް އޭޕްރަންއަށް އައިސް ޕާކު ކުރުމަށް މިހާރު އިރުޝާދު ދެމުން އަންނަނީ އެކަމަށް ތަމްރީނު ކޮށްފައިވާ މާޝަލްސްއެވެ. ނަމަވެސް ވައި ނުސާފު ނުވަތަ ވިއްސާރަ ދުވަސްތަކުގައި މާޝަލް އަށާއި ޕައިލެޓަށް ދަތިތަކެއް ކުރިމަތިވެއެވެ.

އޭވީޑީޖީ ސިސްޓަމާއެކު މުވައްޒަފުންނާއި މަތިންދާބޯޓުގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭނެއެވެ. އެގޮތުން މި ސިސްޓަމުގައި ބޭނުންކުރާ އިލެކްޓްރޯނިކް ޑިސްޕްލޭގެ ސަބަބުން ވައި ނުސާފު ނުވަތަ ވިއްސާރަ ދުވަސްތަކުގައިވެސް ޕައިލެޓަށް ފަސޭހައިން މަތިންދާބޯޓު ޕާކު ކުރުމަށް ފަސޭހަ ވެގެންދާނެއެވެ. އަދި މި ސިސްޓަމަކީ އޮބްސްޓަކަލް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެކެވެ.