ޖަލުން ދޫކޮށްލި މީހެއްގެ ދަބަހަށް އެރިގެން މީހަކު ޖަލުން ފިލައިފިއެވެ.

ފްރާންސުގެ ޖަލަކުން އިއްޔެ ހުކުމް ހަމަވެ ދޫކޮށްލި މީހެއްގެ ދަބަހަށް އެރި ފިލައިގެން ޖަލުން ނިކުމެފައިވަނީ އޭނާއާ އެކީ އެއް ގޮޅިއެއްގައި އޮތް މީހަކު ކަމަށް ހަބަރުތައް ބުނެއެވެ.

ފްރާންސުގެ ޕްރިޒަން އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރު، ސެބެސްޓިއަން ކައުވެލް ވިދާޅުވެފައިވާ ގޮތުގައި އެމީހާ ފިލާފައިވަނީ ފްރާންސުގެ ލިއޮންގައި ހުންނަ ކޯބާސް ޖަލުންނެވެ.

އެމީހާ ފިލިކަން އެނގިފައިވަނީ އޭނާ ޖަލުގައި ނެތިގެން ބެލުމުން ކަމަށް ޑިރެކްޓަރު ސެބެސްޓިއަން ވަނީ ވިދާޅުވެފައެވެ. އަދި އެމީހާ ހޯދަން މަސައްކަތް ފަށާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖަލުން ފިލި މީހާގެ މައްސަލައިގެ ތަހުގީގުވެސް ފަށާފައިވާއިރު އެވަރުގެ އޮޅުމެއް އެރީ ކީއްވެތޯވެސް އަންނަނީ ބަލަމުން ކަމަށް ސެބެސްޓިއަން ވިދާޅުވެފައިވެއެވެ. އޭނާ ވަނީ އެއީ މީގެ ކުރީން ޖަލުގައި ހިނގާފައިވާ ޒާތު ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ހިނގައިފާނެ ކަމަށް ޖަލު އޮފިސަރުން ތައްޔާރުވެފައި ވެސް ނުވާ ކަމަށް ވިދާޅުވެފައެވެ.

ލިއޮން ގައި ހުންނަ ކޯބާސް ޖަލަކީ އެތަނުގެ ޖާގައަށްވުރެ %170 އިންސައްތަ އިތުރަށް މީހުން ތިބޭ ޖަލެއް ކަމަށާއި ގައިދީން ބެލުމަށްވެސް އުނދަގޫ އަދި ދަތި ޖަލެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.