މާލޭގައި މިރޭ ހިނގި އެކްސިޑެންޓުގައި މަރުވީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅުކަން 'ވަން'އަށް ކަށަަވަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެތާ ކައިރިން ދަތުރުކުރި ޕަކަޕެއްގައި ޖެހި އެކްސިޑެންޓުވި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާދިނުމަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން އަނިޔާވި 17 އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗްގައި ހުރި 'ވަން'ގެ ނޫސްވެރިޔާ ވަނީ މަރުވި ކުއްޖާއަކީ ތޭރަވާ އާއި އަޝްފާގެ ދަރިފުޅު، އަލްސަން ކަން ކަށަވަރުކޮށްދީފައެވެ. އަޝްފާ އާއި ތޭރަވާ އީއާރްއަށް ވަން މަންޒަރު ވެސް ވަނީ ފެނިފައެވެ.
ފުލުހުން ބުނީ ދެން އަނިޔާވެ ހާލު ސީރިއަސްވީ 16 އަހަރުގެ ކުއްޖަކާއި 40 އަހަރުގެ މީހެއް ކަމަށެވެ.
'ވަން'އަށް ކަށަވަރުވެފައިވާ ގޮތުގައި 16 އަހަރުގެ ކުއްޖާއަކީ އަލްސަންގެ އެކުވެރިއެކެވެ. އެ ދެމީހުން ދުއްވި ސައިކަލު ޖެހިފައިވަނީ މަގު ހުރަސްކުރި މީހާގެ ގައިގައެވެ. އެ ވަގުތު އެމީހާވެސް ވިއްސައިގެން ދިޔައެވެ.
ސައިކަލު އެ މީހާގެ ގައިގައި ޖެހި، ކަހާލައިގެން ގޮސް ޕިކަޕުގެ ދަށުވުމުން އަލްސަންގެ ބޮލަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދަށް "ވަން"ގެ ނޫސްވެރީން ދިޔައިރު، އެ މުޅި ސަރަހައްދުގައި އޮތީ ލެޔެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް