އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލައިފައި އޮއްވައި ފެނުނު އެ ރަށު އޯކިޑްމާގޭ އަބްދުއްރަހުމާނު އާދަމް 65އ ގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

ފުލުހުން މިއަދު ބުނީ ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އަބްދުއްރަހުމާނަށް ހަމަލާ ދީފައިވަނީ އޭނާ ދިރިއުޅޭ އޯކިޑްމާގޭގައި ނިދާފައި އޮއްވައެވެ.

މާޅޮހުގެ އެކަހެރި ހިސާބެއްގައި ހުންނަ އޯކިޑްމާގޭގައި ނިދާފައި އޮއްވާ އަބްދުއްރަހީމަށް ހަމަލާދީފައިވަނީ ރޭ ފަތިހުއެވެ. ހަމަލާ ދީފައިވަނީ ބޮލަށް ކަން އެނގިފައިވެއެވެ. އަބްދުއްރަހީމް އޮތްތަނަށް ގިނަ އަދަދެއްގެ ލޭ ފައިބައިފައިވާއިރު، މި މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.

އޯކިގްމާގޭގައި ދިރިއުޅެނީ އަބްދުއްރަހުމާން އާއި އޭނާގެ އަންހެނުން އެކަންޏެވެ. އަބްދުއްރަހުމާނަށް ރޭ ހަމަލާދީ މަރާލާފައިވާއިރު އޭނާގެ އަންހެނުން ނިދާފައި ވަނީ އެހެން ކޮޓަރިއެއްގައެވެ. އެ ރަށުގެ އެކި މީހުންނާ ސުވާލު ކުރުމުންވެސް އެ ދެމަފަރީންގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭކަން އެނގުނު މީހަކާ ދިމަލެއްނުވެއެވެ. އަބްދުއްރަހުމާނަށް ހަމަލާދިންއިރު އޭނާގެ ކުދީން ތިބީ ރަށުން ބޭރުގައެވެ.

މަރުވި އަބްދުއްރަހުމާންގެ އަންހެނުންގެ އާއިލާ މީހަކު ނަން ނުޖަހާ ގޮތަށް "ވަން" އަށް މައުލޫމާތު ދެމުން ބުނީ އަބްދުއްރަހުމާންއަކީ ގަދަޔަށް ސިހުރު ހަދާ މީހެއްކަމަށް ނުސީދާ ގޮތެއްގައި މަޝްހޫރުވެފައިވާ މީހެއް ކަމަށެވެ. އެ ވާހަކަތައް އާއިލާއަށް އަޑުއިވިގެން އެފަދަ ކަމެއް ކުރާނަމަ އެކަން ހުއްޓާލަންވެސް އަބްދުއްރަހުމާންގެ އާއިލާއިން އެދުނެވެ. އެކަން ހުއްޓާލި ކަމެއް އާއިލާއަށް ސާފެއް ނޫނެވެ.

"އަބްދުއްރަހުމާން ސިހުރު ހަދާކަމަށް އަޑުތައް ފެތުރިފަ އޮންނަނީ. އެކަމާ ނުރުހުން ފާޅުކުރާ ބަޔަކުވެސް އުޅޭ. ސިހުރުގެ ބަދަލު ހިފަން އަބްދުއްރަހުމާނަށް ހަމަލާދިނީކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެއީ އޭނާ އަދި އަންހެނުންނަކީވެސް ރަށުގެ މީހުންނާ މާބޮޑަށް ގުޅިގެން އުޅޭ ބައެއް ނޫން ކަމެއްގެ ހިތްހަމަނުޖެހުން އޮވޭ" އާއިލާ މެންބަރު ވިދާޅުވިއެވެ.

މާޅޮހުން ދިމާވި ގިނަ މީހުންވެސް އިއްތިފާގުވަނީ ސިހުރު ހަދާތީ، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އަބްދުއްރަހުމާން މަރާލީ ކަމަށެވެ. އާންމު ގޮތެއްގައި މަރުތަކާ ގުޅިގެން އެކި ގޮތްގޮތަށް ވާހަކަ ފެތެރުނު ނަމަވެސް އެ މަރާ ގުޅިގެން އެންމެން ކަހަލަ ގޮތަކަށް ބުނަނީ އެއް ވާހަކައެކެވެ.

އެއީ އާއިލާއިންވެސް ގަބޫލުކުރާ ގޮތަށް ސިހުރުގެ ކަމަކާ ގުޅިގެން އަބްދުއްރަހުމާނަށް ބަޔަކު ހަމަލާދީ މަރާލީ ކަމަށެވެ.

އެ މަރުގެ ހާދިސާ ހިނގި އޯކިޑްމާގޭ ސަރަހައްދު މިހާރު ކޯޑަން ކޮށްފައިވާއިރު ފުލުހުން އަދިވެސް އަންނަނީ އެ ސަރަހައްދު ބަލަހައްޓަމުންނެވެ. އެ ގެއަށް މަގުން ލައިފައި ވަދެވޭ ގޮތަށް މައި ދޮރު ހުންނައިރު، ގޭގެ ބިއްދޮށު ފަރާތުގައިވެސް ދޮރެއް ހުރެއެވެ.

ނަމަވެސް މިހާތަނަށް އައިއިރު ބަޔަކު ގަދަކަމުން ނުވަތަ އެ ގެއަށް ވަގަށް ވަދެފައިވާކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާއެއް ނުކުރެއެވެ. އެ ގޭގެ ދޮރުތަކަށްވެސް ގެއްލުންވެފައި ނުވާކަމަށް ދެ މީހަކު "ވަން" އަށް ބުންޏެވެ.

އާއިލާ އަދި ރަށު ތެރެއިން ވާހަކަދެއްކި ބައެއް މީހުންގެ ފުށުންވެސް ގާތިލުންގެ ގޮތުގައި ތުހުމަތު ކުރެވޭ ބަޔަކު އުޅޭ ކަމަކަށް އަދި އެނގިފައެއް ނުވެއެވެ. ވަކި ބަޔަކަށް ޝައްކު ކުރެވިގެން ވާހަކައެއްވެސް ނުދައްކައެވެ.

ފުލުހުން މިހާރު އެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ރަށު ތެރެއިން ފެންނަނީ ހަމަހިމޭން ކަމެވެ.