ޕާކިސްތާނުގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ހުމައިރާ އަސްގާރްގެ ހަށިގަނޑު ފެނިފައިވަނީ މަރުވިތާ 10 މަސް ފަހުން ކަމަށް އޮޓޯޕްސީ ރިޕޯޓުގައި ފާހަގަކޮށްފިއެވެ.
ހުމައިރާ އަސްގާރް މިދިޔަ ހަފުތާގާއި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި މަރުވެފައި އޮއްވާ ފެނިފައިވާކަމަށް އެ ގައުމުގެ ފުލުހުން ބުނެފައިވާއިރު އެ މަރުގެ ތަހުގީގަށް ވަނީ ޕޯސްޓްމޯޓަމް ހަދާފައެވެ.
ޕާކިސްތާނުގެ ފުލުހުން އިއްޔެ އާންމުކުރި އޮޓޯޕްސީ ރިޕޯޓުގައި ވާ ގޮތުން ހުމައިރާ މަރުވި ސަބަބު ދެނެގަނެވިފައެއް ނުވެއެވެ. ހަށިގަނޑު ވަނީ ކައްޓަށް ބަދަލުވެފައެވެ. އަދި މިހާރު ކުރިޔަށްދާ ކެމިކަލް ޓެސްޓުތަކާއި ލެބޯޓަރީ ޓެސްޓުތަކަށްފަހު ހުމައިރާގެ މަރުގެ ސަބަބު ދެނެގަނެވިދާނެ ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އުމުރުން 32 އަހަރުގެ ހުމައިރާގެ ހަށިގަނޑު ފެނިފައިވާ ކަރާޗީގެ އެޕާޓްމަންޓް ހިމެނޭ ސަރަހައްދު ބަންދުކޮށްފައިވާއިރު އެތަނުގެ ތެރެއިން މަރުވި ސަބަބު ދެނެގަނެވޭނެ ވަރުގެ ހެއްކެއް ފެންނާން ނެތް ކަމަށް ފުލުހުން ބުނެއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި ހުމައިރާ އެ އެޕާޓްމަންޓުގައި ދިރިއުޅެމުން އައީ އެކަންޏެވެ. އޭނާގެ އާއިލާއިން މަރުވެފަައިވާ ހުމައިރާގެ ހަށިގަނޑާ ހަވާލުވާން ވެސް ދެކޮޅު ހަދާފައިވާކަމަށް ބުނެފައިވެއެވެ.
މަރުވެފައިވަނީ ހުމައިރާކަން ދެނެގަތުމަށް ހެދި ޓެސްޓުތަކުން ޑީއެންއޭ އޭނާގެ ބޭބެއާ ދިމާވެފައިވާކަމަށް ފުލުހުން މީގެ ކުރީން ވަނީ ބުނެފައެވެ.
ހުމައިރާ އަކީ ޕާކިސްތާނުގެ މަޝްހޫރު މޮޑެލެއްގެ އިތުރުން ޓީވީ ސީރީސްތަކުގައި އާންމުންގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ އެކްޓެރެސްއެކެވެ. މީގެ އިތުރުން ހުމައިރާ ވަނީ ޕާކިސްތާނުގެ ދެ ފިލްމެއްގައިވެސް އެކްޓު ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
އެސްޓީއޯ
ވިޔަފާރި
ރިޕޯޓް
ވިޔަފާރި