ކައިޓް ސާފިން ރާއްޖޭގެ ކުރިއެރުވުމަށް މުބާރާތްތައް ގިނައިން ބޭއްވުން މުހިއްމު ކަމަށް ރާރާ ޕްރޯގެ ފުރަތަމަ އެޑިޝަން، ރާރާ ޕްރޯ 2025 ގެ ޗެމްޕިއަންކަން ހޯދި ބ. ގޮއިދޫ ހަސަން މާހިރު (ހަންޓޭ) ބުނެފިއެވެ.
ރާރާ ޕްރޯ މިއަހަރުގެ މުބާރާތް، ކ. ދިއްފުށީގައި މިއަދު ނިމިގެން ދިޔައީ 20 އެތުލީޓުންނާ އެކު ހިތްގައިމު މުބާރާތެއްގެ ގޮތުގައެވެ. ރާރާ ޕްރޯއަކީ ކައިޓް ސާފިންނަށް ހިތްވަރެއް ގެނެސްދިން، މުޅިން އާ ކައިޓް ސާފިން މުބާރާތެކެވެ. މުބާރާތް ބާއްވަނީ ބައިނަލްއަގުވާމީ މައިދާނަށް ވެސް ހުޅުވާލައިގެންނެވެ.
"ވަރަށް އުފާވެފައި މިހުރީ ރާރާ ޕްރޯގެ ފުރަތަމަ އެޑިޝަން ކާމިޔާބު ކުރެވުނީމަ. ދެން މުބާރާތުގެ ފުރަތަމަ ދުވަސް ދިޔައީވެސް ވަރަށް ޕްރެޝަރުގައި. ދެން މިއަދު (ފައިނަލް ދުވަހު) ވަރަށް ހިތްހަމަ ޖެހޭ ޕާފޮމެންސަކާއެކު ހަމަ ވަރަށް އުފާވެފައި މިހުރީ،" ހަންޓޭ މިއަދު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ހަންޓޭ ބުނީ މިވަގުތަށް ކައިޓް ސާފިންގައި އުޅޭ އެތުލީޓުން މަދު ނަމަވެސް، މުބާރާތްތަކާ އެކު އިތުރު ގިނަ އެތުލީޓުންތަކެއް ކުޅިވަރަށް ނުކުންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"ކައިޓް ސާފިން ސީންއަކީ އަސްލު އަދި ރާއްޖޭގައި ވަރަށް ކުޑަ ސީންއެއް. އެކަމަކު މި ސީން މި އަންނަނީ ކުރިއަރަމުން. ބޮޑަށް މީތި ވައިގައި ހިފާގޮތް މި ވަނީ މުބާރާތްތައް ރާއްޖޭގައި ގިނަ ވެގެން. މުބާރާތް އޮންނަންޏާ ކުރިއަރަމުން ދާނެ. މި މުބާރާތަށްވެސް އަދި މިއައީ މަދުން. އެހެންވީމަ މުބާރާތް ބާއްވަން ޖެހޭ،" ހަންޓޭ ފާހަގަކުރިއެވެ.
ހަގު އުމުރުން ފެށިގެން ވެސް ކައިޓް ސާފަރެއްގެ ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހަންޓޭ ބުނީ ކޮންމެ ދާއިރާއަކީ ވެސް ކާމިޔާބު ހޯދޭނެ ދާއިރާއެއް ކަމަށާއި ކައިޓް ސާފިންނަށް ނުކުންނަން ބޭނުންވާ ކުދިންވެސް ކެރިގެން ނުކުމެ، ކާމިޔާބު ހޯދޭނެ ކަމަށެވެ. މުހިންމު ކަމަކީ އެކަމަކަށް ޓާގެޓް ކޮށްގެން މަސައްކަތް ކުރުން ކަމަށްވެސް ހަންޓޭ ފާހަގަ ކުރިއެވެ.
ރާރާ ޕްރޯ 2025 ގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ. "ވަން ސްޕޯޓްސް" އިން ވަނީ އިވެންޓް ކަވަރު ކުރުމަށް ހާއްސަ ކަވަރޭޖެއް ދިއްފުށިން ކުރިއަށް ގެންގޮސްފައެވެ.
މުޙައްމަދު ޝަމްޢޫން
ރާރާ ޕްރޯ
ރާރާ ޕްރޯ
ރާރާ ޕްރޯ