ރާރާ ޕްރޯ ކައިޓް ސާފިން އިވެންޓްގެ ދެވަނަ އެޑިޝަން، 2026 ވަނަ އަހަރު ޖޫން އެއްވަނަ ދުވަހަށް ތާވަލުކޮށް، ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
ރާރާ ޕްރޯ މިއަހަރުގެ މުބާރާތް، ކ. ދިއްފުށީގައި މިއަދު ނިމިގެން ދިޔައީ 20 އެތުލީޓުންނާއެކު ހިތްގައިމު މުބާރާތެއްގެ ގޮތުގައެވެ. ބ. ގޮއިދޫ ހަސަން މާހިރު (ހަންޓޭ) މުބާރާތް ކާމިޔާބުކުރި އިރު، ރާރާ ޕްރޯއަކީ ރާއްޖޭގައި ފެށި މުޅިން އާ ކައިޓް ސާފިން ބޮޑު ހަރަކާތެކެވެ.
އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކޮށްގެން ބޭއްވި ރާ ޕްރޯގެ އެންމެ ބޮޑު ފޯކަސްއަކީ ބައިނަލްއަގުވާމީ އޯޑިއަންސަކަށް ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ކައިޓްސާފިންގެ މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ރާއްޖޭ އިޝްތިހާރު ކުރުމާއި، ސްޕޯޓްސް ޓޫރިޒަމަށް ފުރުސަތު ފަހިކުރުމެވެ. އޭގެ އިތުރުންވެސް ކައިޓްސާފިން އިތުރަށް ކުރިއަރުވައި، ލޯކަލް ޓޫރިޒަމަށް ކުރިއެރުންތައް ހޯދުންވެސް އެއީ އިވެންޓްގެ އެއް މަގުސަދެވެ.
ރާރާ ޕްރޯ އަންނަ އަހަރުވެސް ބާއްވާނެކަން އިއުލާނުކުރައްވަމުން އައިކޯނިކް އިވެންޓްސްގެ ފަރާތުން ފައުންޑާ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ އަންނަ އަހަރުގެ މުބާރާތް ޖޫން މަހު ބާއްވަން ނިންމާފައިވާ ކަމަށާއި، އުންމީދުއަކީ އިތުރު އެތުލީޓުންނާއެކު މުބާރާތް ބޭއްވުން ކަމަށެވެ.
"ވަރަަށް ބޮޑަށް ޝުކުރު އަދާކުރަން ސްޕޮންސާސް، ރޭސް އޮފިޝަލްސް، އޭގެ އިތުރުން މީޑިއާ ވަރަށް މުހިއްމު ރޯލެއް ކުޅުނު. ޕާޓްނާ ވަން އޮންލައިންގެ އިތުރުން މިތަނަށް އައި އެހެން މީޑިއާތަކުންވެސް ކުރި މަސައްކަތް ވަރަށް ފާހަގަކުރަން. މިއީ ރާރާ ޕްރޯގެ ފެށުމެއް. އިންޝާﷲ 2026 ވަނަ އަހަރު ރިޓާން ވާނެ. ދެ ޑިވިޝަނާއެކު އެނބުރި އަންނާނެ. އިރާދަކުރެއްވިއްޔާ ޖޫން 1 ވަނަ ދުވަހު، މިއަށްވުރެ ގިނަ އެތުލީޓުންނާއެކު ފްރީ ސްޓައިލް އަދި ރޭސް ޑިވިޝަނާއެކު ކުރިއަށްދާނެ،" ރަޝް "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
ރަޝް އިތުރަށް ވިދާޅުވީ މިފަހަރުގެ މުބާރާތް ދިޔައީ ފުރިހަމަކޮށް ކަމަށާއި، އެތުލީޓުން ތިބީވެސް ހިތްހަމަ ޖެހިފައި ކަމަށެވެ.
"މިދިޔަ ހަފުތާގައި ވަރަށް ވައި މަޑުކޮށް އޮވެފައި ހީނުކުރާ ކަހަލަ ގޮތަކަށް ކޮންޑިޝަން ބަދަލުވެގެން ދިޔައީ. ރޭސްތައް ކުރިއަށް ދިޔައީ، ރޭސް ކޮމިޓީ މައުލޫމާތަށް ބަލާއިރު 15 ނޮޓާއި 18 ނޮޓްގެ ވައިގެ ބާރު މިނުގައި. އެތުލީޓުން ތިބީ ވަރަށް ހިތްހަމަ ޖެހިފައި. އެއީ އެތުލީޓުން ބޭނުންވަނީ ރަނގަޅަށް ވައި ޖެހުން. އެހެންވީމަ އެތުލީޓުން ވަރަށް ހިތްހަމަ ޖެހިފައި ތިބީ،" ރަޝް ފާހަގަކުރެއްވިއެވެ.
ރާރާ ޕްރޯ 2025 ގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ. "ވަން ސްޕޯޓްސް" އިން ވަނީ އިވެންޓް ކަވަރު ކުރުމަށް ހާއްސަ ކަވަރޭޖެއް ދިއްފުށިން ކުރިއަށް ގެންގޮސްފައެވެ.
މުޙައްމަދު ޝަމްޢޫން
ރާރާ ޕްރޯ
ރާރާ ޕްރޯ
ރާރާ ޕްރޯ