އައިކޯނިކް އިވެންޓްސް އިން އިންތިޒާމުކޮށްގެން ބޭއްވި ކައިޓް ސާފިންގެ އެންމެ ބޮޑު އެއް ހަރަކާތް، ރާރާ ޕްރޯ 2025ގެ ޗެމްޕިއަންކަން ބ. ގޮއިދޫގެ ހުނަރުވެރި ކައިޓް ސާފާ ހަސަން މާހިރު (ހަންޓޭ) ހޯދައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދިއްފުށީގައި ފެށި ރާރާ ޕްރޯގެ ރޭސްތައް ހުކުރު ދުވަހާއި މިއަދުވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މުބާރާތުގެ ފައިނަލް ހީޓްތައް މިއަދު ހަވީރު ކުރިއަށް ގެންގޮސްފައިވާ އިރު، ހަންޓޭ ވަނީ ހަތަރު ރޭހުން ތިން ރޭސް ކާމިޔާބު ކޮށްފައެވެ. އަދި އަނެއް ރޭހުން އޭނާ ވަނީ ދެވަނަ ހޯދައިފައެވެ.

މުބާރާތޔގެ ދެވަނަ ހޯދީ ގޮއިދޫގެ ރާއިފް ޝަނީޒް (ރާއިއްޕެ)އެވެ. އޭނާއަކީ މުބާރާތުގެ އެމްބެސެޑަރުވެސް މެއެވެ. މުބާރާތުގެ ތިންވަނަ ހޯދީ ހދ. ވައިކަރަދޫގެ ވިސާމް މުހައްމަދެވެ.

12 ޖުލައި 2025، ކ. ދިއްފުށި، ރާރާ ޕްރޯ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ވަނަތައް ހޯދި އެތުލީޓުން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ރާ ޕްރޯގެ އެންމެ ބޮޑު ފޯކަސްއަކީ ބައިނަލްއަގުވާމީ އޯޑިއަންސަކަށް ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ކައިޓްސާފިންގެ މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ރާއްޖޭ އިޝްތިހާރު ކުރުމާއި، ސްޕޯޓްސް ޓޫރިޒަމަށް ފުރުސަތު ފަހިކުރުމެވެ. އޭގެ އިތުރުންވެސް ކައިޓްސާފިން އިތުރަށް ކުރިއަރުވައި، ލޯކަލް ޓޫރިޒަމަށް ކުރިއެރުންތައް ހޯދުންވެސް އެއީ އިވެންޓްގެ އެއް މަގުސަދެވެ.

ރާރާ ޕްރޯ އިންތިޒާމުކުރި އައިކޯނިކް އިވެންޓްސްގެ ފަރާތުން ފައުންޑާ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ އަންނަ އަހަރުގެ މުބާރާތް ޖޫން މަހު ބާއްވަން ނިންމާފައިވާ ކަމަށާއި، އުންމީދުއަކީ އިތުރު އެތުލީޓުންނާއެކު މުބާރާތް ކުރިއަށް ދިޔުން ކަމަށެވެ.

10 ޖުލައި 2025، ކ. ދިއްފުށި، ރާރާ ޕްރޯ އެތުލީޓްސް ބްރީފިންގެ ތެރެއިން ހަސަން ރަޝީދު (ރަޝް) --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މިއަހަރުގެ ރާރާ ޕްރޯގައި 20 އެތުލީޓުން ވާދަކޮށްފައިވެއެވެ.

ރާރާ ޕްރޯ 2025 ގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ. "ވަން ސްޕޯޓްސް" އިން ވަނީ އިވެންޓް ކަވަރު ކުރުމަށް ހާއްސަ ކަވަރޭޖެއް ދިއްފުށިން ކުރިއަށް ގެންގޮސްފައެވެ.