ޕީއެސްޖީން މިހާރު ހޯދަމުން އަންނަ ކާމިޔާބީތަކުގައި އެ ކްލަބުން ވަކި ކުޅުންތެރިޔަކަށް ބަރޯސާ ނުވާނެ ކަމަށާއި، މިހާރު ޕީއެސްޖީއަކީ ބަދަހި ގުޅުމެއް އޮތް ޓީމެއް ކަމަށް ކޯޗު ލުއިސް އެންރިކޭ ބުނެފިއެވެ.
ގަތަރުގެ ސަރުކާރުގެ ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓުން ހިންގަމުން އަންނަ ޕީއެސްޖީއަކީ މިވަގުތު ޔޫރަޕްގެ ޗެމްޕިއަނުންނެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީން މުޅިން އަލަށް ޗެމްޕިއަންސް ލީގު ހޯދި އިރު، އެ ކްލަބުން ތާރީހީ ކާމިޔާބީ ހޯދީ ސުޕަ ސްޓާރުންތަކެއް ވިއްކާލުމަށްފަހުއެވެ.
ޕީއެސްޖީން 2011 ވަނަ އަހަރުން ފެށިގެން އާދަޔާހިލާފު ހަރަދުތަކެއް ކުރަމުން ގޮސް، ނޭމާ އާއި ކިލިއަން އެމްބާޕޭ އާއި ލިއޮނަލް މެސީ ފަދަ ކުޅުންތެރިން އެކުގައި ޓީމަށް ކުޅުވި ނަމަވެސް ޔޫރަޕްގެ ކާމިޔާބީއެއް ނުލިބުނެވެ. މިހާރު އެ ކާމިޔާބީ ހޯދައި، ކްލަބު ވޯލްޑް ކަޕުގެ ފައިނަލާ ހަމައަށް ދިޔައީ ތަރިންތަކަކަށް ބަރޯސާ ނުވެއެވެ.
"އަހަންނަކީވެސް ތަރިއެއް ނޫން. އަހަރެން ކުރާ މަސައްކަތް ކުރަނީ ގަޔާވެގެން. އަހަންނަށް ކޯޗިންނަކީ ޝައުގުވެރި މަސައްކަތެއް. ހާއްސަކޮށް އުނދަގޫ ވަގުތު ޗެލެންޖް ނަގަން އަހަންނަށް ކެރޭނެ. އުނދަގޫ ހާލަތަށް ދިޔައީމަ، އެންމެން އެކުގައި މަސައްކަތް ކޮށްގެން މޮޅުވުން އެއީ އަހަންނަށް ލިބޭ އުފަލަކީ. އަހަންނަށް ފާޑު ކީމަވެސް މާ ރަނގަޅު. އެ ހާލަތުގައި ޓީމެއް ބިނާކުރަން ފަސޭހަވާނެ. މި ޓީމަކީ މިހާރު އެތިކްސް ރަނގަޅު ޓީމެއް،" އެންރިކޭ ބުންޏެވެ.
އެންރިކޭއަކީ ކުރިން ބާސެލޯނާއާ އެކުވެސް ކާމިޔާބު ހޯދި ކޯޗެކެވެ. އޭނާ ބުނީ ޕީއެސްޖީގެ ސަގާފަތް ބަދަލުކުރެވިއްޖެ ކަމަށާއި، މިހާރު ޕީއެސްޖީން "ވަކިވަކި ކުޅުންތެރީންނަށް ބަރޯސާ ނުވާނެ،" ކަމަށެވެ.
އެންރިކޭ ބުނީ ޗެލްސީއާ ދެކޮޅަށް ނުކުންނަ މެޗަކީ އުނދަގޫވާނެ މެޗެއް ނަމަވެސް، ޓީމަށް އިތުބާރު ކުރާ ކަމަށެވެ. އަދި ކްލަބު ވޯލްޑް ކަޕު ލިބިއްޖެނަމަ، މި ސީޒަން ވެގެންދާނީ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނަށް ކަމަށްވެސް އޭނާ ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ