ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ދާދިފަހުން މަރުވި ޕޯޗުގަލްގެ ތަރި ޑިއޯގޯ ޖޮޓާގެ 20 ނަމްބަރު، ލިވަޕޫލުން ރަސްމީކޮށް ރިޓަޔާ ކޮށްފިއެވެ.

ލިވަޕޫލްގެ 20 ނަމްބަރު ޖާޒީ، އެ ކްލަބުގެ ހުރިހާ ޓީމެއްގައިވެސް ދެން ބޭނުމެއް ނުކުރެވޭނެއެވެ. އެ ނިންމުން ކްލަބުން ނިންމީ އެ ނަމްބަރަކީ އަބަދުވެސް ޖޮޓާގެ ނަމްބަރެއްގެ ގޮތުގައި ބޭއްވުމަށެވެ. ލިވަޕޫލުން ބުނީ އެ ކްލަބުގެ 20 ނަމްބަރަކީ އަބަދަށް ޖޮޓާގެ ނަމްބަރެއް ކަމަށާއި ނިންމުން ނިންމީ ޖޮޓާގެ އަންހެނުން ރޫޓް ކާޑޯސޯއާއި އާއީލާއާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

"އެ ނިންމުމަކީ ޖޮޓާ މިދިޔަ ފަސް އަހަރު ކްލަބަށް ކޮށްދިން ހިދުމަތަށް އެކަނި ނިންމި ނިންމުމެއް ނޫން. އެއީ ޖޮޓާ ކްލަބުގެ ކުޅުންތެރިންނާއި ސަޕޯޓަރުން އަދި އެކުގައި މަސައްކަތްކުރި ހުރިހާ އެންމެންނާ ބެހެއްޓި ގާތްކަމާއި، ޖޮޓާގެ އުފާވެރި މިޒާޖުގެ ހަނދާން ކްލަބުގައި ދެމިގެންދާނެ ގޮތަކަށް ނިންމި ނިންމުމެއް،" ލިވަޕޫލުން ބުންޏެވެ.

ޖޮޓާ، ލިވަޕޫލާ ގުޅުނީ 2020 ވަނަ އަހަރުއެވެ. އެ ކްލަބަށް ކުޅުނު 182 މެޗުން، 65 ގޯލު އޭނާ ވަނީ ޖަހައިދީފައެވެ.

ޖޮޓާ އެކްސިޑެންޓްވީ އެނބުރި ލިވަޕޫލަށް ދިޔުމުގެ ތެރޭގައެވެ. ކައިވެންޏަށް ފަހު ޗުއްޓީ ނިންމާލައި، ޖޮޓާ، އޭނާގެ ކޮއްކޮއާއެކު ލަމްބޯގިނީއެއްގައި އިނގިރޭސިވިލާތަށް ދާން ދިޔައީ މަތިން ދަތުރުކުރުމަށް ޑޮކްޓަރު ހުއްދަ ދީފައި ނުވާތީއެވެ.

އެއީ މައިނާ ސާޖަރީއެއްގެ ސަބަބުންނެވެ. ކާރުގައި ގޮސް ފެރީއެއްގައި އިނގިރޭސިވިލާތަށް ދާން ޖޮޓާ ދިޔަ މަގުމަތީގައި ކާރު އެކްސިޑެންޓްވީ ސްޕެއިންގެ ތެރެއިންނެވެ.