އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ރާއްޖޭގެ އިސްލާމީ ލައިބްރަރީ މިރޭ ހުޅުވަން ތައްޔާރުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެ ލައިބްރަރީ ހުންނާނީ ސަލްމާން މިސްކިތުގެ ތިން ވަނަ ފްލޯގައެވެ.
އެތަން ހުޅުވާނީ 15،000 އަށްވުރެ ގިނަ ފޮތާއެކު ކަމަށެވެ. އަދި އޭގެ ތެރޭގައި އިސްލާމީ އިލްމު ހާސިލްކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް މުހިންމު ފޮތްތައް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އިންޝާﷲ މިރޭ އިސްލާމީ ކުތުބުޚާނާ ހުޅުވާނެ، އިސްލާމީ ދިރާސާ ކުރާ ފަރާތްތަކަށް ވަރަށް ހިތްގައިމު މާހައުލަކަށްވެގެންދާނެ" އިސްލާމީ ކުތުބުހާނާ ހުޅުވުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވެއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައި ހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީ ގާއިމްކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ލައިބްރަރީތައް ގާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ގައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހއ. ދިއްދޫ އިސްލާމިކް ސެންޓަރު ލައިބްރަރީ އާއި ރ. އުނގޫފާރު އިސްލާމިކް ސެންޓަރު ލައިބްރަރީ އާއި ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރު ލައިބްރަރީ އާއި އައްޑޫ އިސްލާމިކް ސެންޓަރު ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ގާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅވިއެވެ.
އެ ލައިބްރަރީތަކަށް ޖުމްލަ 60 ހާސް ފޮތް ލިބޭނެ ކަމަށް އެ ޔުނިވާސިޓީން މިހާރު އަންގާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
އާއިޝަތު މާހާ
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް