ސަލްމާން މިސްކިތުގައި މިރޭގެ މަގްރިބް ނަމާދާއި އިޝާ ނަމާދު، މަސްޖިދުއްނަބަވީ (ހަރަމްފުޅު)ގެ އިމާމު ޝައިހު ޑރ. ސަލާހުލް ބުދައިރު ކުރައްވާގޮތަށް ހަމަޖައްސައިފިއެވެ.

އިމާމު ޝައިހު ޑރ. ބުދައިރު ރާއްޖެ ވަޑައިގެންނެވީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އިޒުނަފުޅާއެކު، މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

އެ މަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން އެ މަނިކުފާނަށް އެއާޕޯޓުން ވަނީ ރަތްދޫލައިގެ މަރުހަބާއެއް ދަންނަވައިފައެވެ. އިމާމު ޝައިހު ޑރ. ބުދައިރު އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފްގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނެވެ.

ޑރ. ސަލާހުގެ މި ދަތުރުފުޅަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތުގައި ކުރައްވަވާ ދަތުރުފުޅެކެވެ.

22 އޭޕްރީލް 2025، މަސްޖިދުއްނަބަވީގެ އިމާމު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި ދަތުރުފުޅުގައި އިމާމު ޝައިހު ޑރ. ސަލާހުލް ބުދައިރު އިއްޔެ ވަނީ ރައީސް ޑރ. މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުން އޮތީ ރައީސްގެ އޮފީހުގައެވެ.

އެ ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަލީލަތުއްޝައިހް މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ޑރ. ސަލާހުގެ ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރު ޝަހީމްއާ ބައްދަލުކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

22 އޭޕްރީލް 2025، މަސްޖިދުއްނަބަވީގެ އިމާމު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މީގެ އިތުރުން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި ބިނާކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން މާދަމާ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރައްވާނީވެސް ޝައިހު ޑރ. ސަލާހުއެވެ. އިޝާ ނަމާދަށްފަހު ހާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާ އިރު، އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ޑރ. ސަލާހެވެ.

މިއީ ހަރަމްފުޅުގެ އިމާމެއް ރާއްޖެ ވަޑައިގަތް ދެވަނަ ފަހަރެވެ. ހަރަމްފުޅެއްގެ އިމާމަކު ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހު މުހައްމަދު އައްސުބައްޔިލެވެ.