ސަލްމާނު މިސްކިތުގައި ގާއިމުކޮށްފައިވާ އިސްލާމީ ކުތުބުހާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްގީކުރި އިސްލާމީ ކުތުބުހާނާ ހުޅުވައިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، މިސްކިތްތަކުގައި ލައިބްރަރީތައް ގާއިމުކޮށް މިސްކިތްތަކަށް ދިރުން ގެނައުމަކީ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހަދިޔާކުރަން ބޭނުންވާ ފޮތްތަކާބެހޭ މައުލޫމާތު [email protected] އަށް މެއިލްކުރުމަށް އެދޭ ކަމަށެވެ.
މިނިސްޓަރު ޝަހީމް ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށް އެ ބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދައުވަތު ދެއްވައިފައެވެ. އަދި ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވެސް އިލްތިމާސްކުރައްވައިފައެވެ.
ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށާއި އެކަމާ ގުޅުންހުރި އިތުރު މައުލުމާތު އެ މިނިސްޓްރީގެ 3020263 އަދި 3020262 ނަންބަރާ ގުޅުމުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ގާއިމުކޮށްފައިވާ އިސްލާމީ ކުތުބުހާނާ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތަނުގެ ބޭނުންކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގައެވެ. އޭގެ އިތުރުން އެ ކުތުބުހާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތުވެސް ބެހެއްޓިފައި އެބަހުއްޓެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުހާނާތައް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ފާތިމަތު ލިއުޝާ
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް