ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައި ސަލްމާން މިސްކިތުގެ އިމާމަކަށް އައްޔަނު ކޮށްފައި ހުރި އަބްދުލްޖަލީލް އިސްމާއިލާ ގުޅޭ ފޯޖަރީގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

އިމާމު ޖަލީލުގެ މައްޗަށް ތުހުމަތުތަކެއް ކުރަނީ 2 ޖެނުއަރީ، 2022، ގައި މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ހއ. ހޯރަފުށި، ޑީންސްވިލާގޭ، ހާޝިމް މުހައްމަދު، 44، އާއިލާއިންނެވެ. އެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ހާޝިމްގެ ހުރިހާ ވިޔަފާރިތަކެއް ވަނީ ޖަލީލުގެ ނަމަށް ބަދަލުކޮށްފައެވެ.

ހާޝިމްގެ އާއިލާ އާއި ޖަލީލު އާ ދެމެދު މިދިޔަ ހޯމަ ދުވަހު ވަނީ މާލޭގައި ހިންގާ ފިހާރައެއްގެ ތެރޭގައި ހަމަނުޖެހުމެއް ވެސް ހިނގައިފައެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލަވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، މުދަލާއި ގެދޮރުގެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ދެ ފަރާތަށް ވެސް އިރުޝާދު ދީފައިވާ ކަމަށެވެ.