ފައިސާގެ މުއާމަލާތް ކުރުމުގައި ބޮޑެތި ގޯސްތަކެއް ގދ. ތިނަދޫ ސިޓީ ކައުންސިލް އިދާރާ އިން ހަދާފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފި އެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން މިދިޔަ އަންގާރަ ދުވަހު ނެރެފައިވާ އެ އޮޑިޓް ރިޕޯޓުގައި ތިނަދޫ ކައުންސިލްގެ ފައިސާ އާ ބެހޭ ގިނަ މައްސަލަތަކެއް ފާހަގަކޮށް އެކަންކަން އިސްލާހު ކުރަން ވަނީ ނަސޭހަތް ތެރިވެފައެވެ. އޭގައި މައިގަނޑު ކަންތައްތަކަށް ބަލާއިރު، ތިނަދޫ ސިޓީ ކައުންސިލުން ފައިސާއާ ބެހޭ މުއާމަލާތްތައް ބަލަހައްޓާފައި ވަނީ އެކަށީގެންވާ ފެންވަރެއްގައި ނޫންކަމާއި އަދި ވަކި ބައެއް މުއާމަލާތްތަކުގެ ހިސާބުތަކުގައި ސައްހަ ނޫން ކަންކަން ފާހަގައިވެފައިވާ ކަމަށެވެ.

  1. ބިމު ކުލިން ލިބެންޖެހޭ ފައިސާގެ ހިސާބު ދިމަލެއް ނުވޭ

އޮޑިޓު ރިޕޯޓުން ދައްކާގޮތުގައި، ތިނަދޫ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ބިންތަކުގެ ފައިސާގެ ރަޖިސްޓަރީގައި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 19 ބިމަކުން ލިބެންޖެހޭ ފައިސާގެ އަދަދުތަކުގައި ފާހަގަކުރެވޭ ތަފާތުތަކެއް ހުރިކަން ފެންނަން އޮތެވެ.

އޮޑިޓަރުންގެ ހިސާބުތަކާއި ކައުންސިލްގެ ރަޖިސްޓަރީގައިވާ އަދަދުތަކުގައި އެއް މިލިއަން ރުފިޔާގެ ތަފާތެއް ވެއެވެ. އޮޑިޓަރުންގެ ހިސާބުތަކުން ދައްކާގޮތުގައި މި 19 ބިމުން ކައުންސިލަށް ލިބެން ޖެހެނީ ތިން މިލިއަން ރުފިޔާއެވެ. ނަމަވެސް ކައުންސިލްގެ ރަޖިސްޓަރީގައި ރެކޯޑް ކުރެވިފައި ވަނީ ދެ މިލިއަން ރުފިޔާއެވެ.

"ނަމަވެސް ކައުންސިލްގެ އިދާރާއިން ތައްޔާރުކޮށްފައިވާ ލިބެންޖެހޭ ފައިސާގެ ރަޖިސްޓަރީއިން ދައްކާ ގޮތުގައި މިބިންތަކުން 2023 ވަނަ އަަހރުގެ ނިޔަލަށް ލިބެންޖެނީ 2،2،34،952 ރުފިޔާ ކަމަށާއި މިއީ އޮޑިޓަރުންގެ ހިސާބުތަކުން ދައްކާ އަދަދަށްވުރ832،012 ރުފިޔާ މަދު އަދަދެއްކަން ފާހަގަކުރަމެވެ،"

އޭގެ އިތުރުން ލިބެންޖެހޭ ފައިސާގެ ގޮތުގައި 459،991 ރުފިޔާ ކައުންސިލްގެ ރަޖިސްޓްރީގައި ހިމަނާފައިނުވާތީ، ލިބެންޖެހޭ ފައިސާގެ ގޮތުގައި ކައުންސިލްގެ އިދާރާއިން ރަޖިސްޓްރީގައި ހިމަނާފައިވާ އަދަދަކީ ސައްހަ އަދަދެއް ނޫން ކަމަށެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޑިސެމްބަރު 31، 2023 ގެ ނިޔަލަށް ތިނަދޫ ސިޓީ ކައުންސިލް އިދާރާ އަށް ހަތް މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް އެ ކައުންސިލް އިދާރާގެ ރަޖިސްޓަރީން ދައްކައެވެ. ނަމަވެސް ޖުލައި 30، 2024 ނިޔަލަށް ވެސް އެ ފައިސާގެ ހިސާބުތައް ކައުންސިލުން އޮޑިޓަރުންނާ ހިއްސާ ކޮށްފައެއް ނުވެއެވެ.

2. ރަސްމީ ދަތުރުތަކުގައި ބިލު ހުށަނާޅައި އިތުރަށް ފައިސާދޫކޮށްފައިވޭ

އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކައުންސިލުން ކޮށްފައިވާ ބައެއް ދަތުރުތަކަށް އެލަވަންސް ދޫކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށެވެ.

އެގޮތުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި އެއާޕޯޓު ގާއިމްކޮށްފައިވާ ރަށްތަކާއި ލޯކަލް ޓޫރިޒަމް ގާއިމްކޮށްފައިވާ ކުރާ ރަށްތަކަށް ކުރާ ދަތުުރުތަކުގައި ހުރުމުގެ ހަރަދުގެ ގޮތުގައި ދެވޭނެ ކަމަށް ކަނޑައަޅާފައިވަނީ ރެއަކާއި ދުވާލަށް 500 ރުފިޔާއެވެ. ނަމަވެސް ބައެއް ދަތުރުތަކަށް އެއަށްވުރެ ބޮޑަށް ދޫކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުން ފެންނަން އެބައޮތެވެ. އޭގެތެރޭގައި:

  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ކ. އަތޮޅަށް ކުރި ދަތުރެއްގައި ރެއަކާއި ދުވާލަށް 700 ރުފިޔާގެ ރޭޓުން ދޫކޮށްފައިވޭ
  • ޑަބްލިއުޑީސީން އއ. އަތޮޅަށް ކުރި ދަތުރަކަށް ރެއަކާއި ދުވާލަށް 1500 ރުފިޔާގެ ރޭޓުން ފައިސާ ދޫކޮށްފައިވޭ
  • އެ ފައިސާ ދޫކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދާ ކަމަށް

"އެގޮތުން މި ދަތުރުތަކަށް ހުރުމުގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓަށްވުރެ އިތުރަށް 49،800 ރުފިޔާ ދޫކޮށްފައިވުމުގެ އިތުރުން މި ދަތުރުތަކުގައި ކައުންސިލް އިދާރާގެ ފަރާތުން ބައިވެރިވި 2 ބޭފުޅަކަށް އެއްދުވަހުގެ ހުރުމުގެ ހަރަދުގެ ގޮތުގައި އެއްހާސް ރުފިޔާ އިތުރަށް ދީފައިވެ އެވެ. އަދި މިދަތުރުތަކުގެ ކެއުމުގެ ހަރަދުގެ ގޮތުގައި 5،120 ރުފިޔާ އިތުރަށް ދީފައިވާކަން ފާހަގަކުރަމެވެ." އޮޑިޓު ރިޕޯޓުގައިވެއެވެ.

އެ ދަތުރުތަކާ ގުޅިގެން އެހެނިހެން ހަރަދުތަކަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން 59،300 ރުފިޔާގެ ހަރަދުތަކުގެ ބިލު ހުށަހަޅާފައިނުވާ ކަމަށްވެއެވެ. އެހެންކަމުން އެއީ ހިނގާފައިވާ ހަރަދުތަކެއްކަން ކަށަވަރު ނުކުރެވޭ ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

3. ދައުލަތުގެ އާމްދަނީ ފައިސާގެ ގޮތުގައި ބަލައިގަނެ ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައި ނުވުން

ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއަކީ ޕަބްލިކް އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާކަމަށް މާލިއްޔަތު ގާނޫނުގައި ބުނެފައިވެއެވެ.

ނަމަވެސް ތިނަދޫ ކައުންސިލަށް 2023ގެ ނިޔަލަށް ލިބިފައިވާ 175،859 ރުފިޔާ އޮޑިޓްކުރި ތާރީހު (27 ފެބްރުއަރީ 2024)އަށް ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައިނުވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

https://oneonline.mv/107840

4. ބިޑް ކޮމިޓީ އާއި އިވެލުއޭޝަން ކޮމިޓީގެ މެންބަރުންނަށް ގަވާއިދާ ހިލާފަށް އެލަވަންސް ދީފައިވޭ

އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސިވިލް ސާވިސްގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ސިވިލް ސާވިސް މުވައްޒަފުންނަށް އެއްވެސް އެލަވަންސެއް ދެވޭނީ އެ ކޮމިޝަނުން އެ އެލަވަންސެއް ދިނުމަށް ކަނޑައަޅައި ކަމާބެހޭ މުއައްސަސާއަށް އެކަން އެންގުމުންނެވެ.

ނަމަވެސް 4 އޭޕްރިލް 2022 އިން 31 ޑިސެމްބަރު 2023ގެ ނިޔަލަށް ތިނަދޫ ކައުންސިލުން، ބިޑް ކޮމެޓީ އެލަވަންސް ދީފައިވާ ކަމަށެވެ. އެގޮތުން އެލަވަންސްގެ ގޮތުގައި 148،750 ރުފިޔާ ދީފައިވާ ކަމަށް އޮޑިޓު ރިޕޯޓުން ދައްކައެވެ.

"މި އެލަވަންސް ދޫކޮށްފައިވަނީ 6 އޭޕްރިލް 2022 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 4 ވަނަ ދައުުރުގެ 41 ވަނަ ރަސްމީ ބައްދަލުވުމުގައި ބިޑް ކޮމިޓީ އިން ދިރާސާކޮށް އިވެލުއޭޓްކޮށް ފައިނަލްކުރި ކޮންމެ މައްސަލައަކަށް 250 ރުފިޔާ ދިނުމަށް ނިންމި ނިންމުމެއްގެ ދަށުންނެވެ." އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

5. އިލެކްޓްރޯނިކް ޒަރީއާއިން ބަލައިގަންނަ ފައިސާއަށް ރަސީދު ތައްޔާރުކޮށްފައިނުވުން

އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތިނަދޫ ކައުންސިލް އިދާރާގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން އޮޑިޓް ސާމްޕަލްގެ ގޮތުގައި ބެލި 24،339،401 ރުފިޔާގެ 19 މުއާމަލާތަށް ރަސީދު ތައްޔާރުކޮށްފަ އެއް ނުވެއެވެ. އެހެންކަމުން އެ މުއާމަލާތްތައް ވިޔަ މޮޑިއުލްގައި ރިކޯޑުކުރެވުފައި ނުވާކަމާއި އެކަމުގެ ސަބަބުން ވިޔަ މޮޑިއުލްއިން ނަގާ އާމްދަނީ ރިޕޯޓުތަކުގައި އެ އަދަދުތައް ހިމެނިފައިނުވުމުން ރިޕޯޓުތައް ސައްހައެއް ނުވާނެ ކަމަށެވެ.

އޭގެއިތުރުން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ އެހެން މައްސަލަތައް:

  • އަތްގާޑިޔާތަކަށް ލިބެންޖެހޭ ކުލީގެ ފުރިހަމަ ރިކޯޑެއް ނެތުމާއި އެ ގާޑިޔާތައް ހިންގަމުންދާ ގޮތް އެކަށީގެންވާ ގޮތެއްގައި މޮނިޓާކޮށްފައި ނުވުމާއި ވަކި ބަޔަކަށް ފައިދާވާގޮތަށް ގާޑިޔާތައް ކުއްޔަށް ދޫކޮށްފައިވުން
  • 4 ވަނަ ދައުުރުގެ ކައުންސިލް މެންބަރުންނަށް މުސާރަ އާއި އުޖޫރަ އިތުރަށް ދީފައިވުން
  • ކުލީގެ ބިންތަކުގެ އެއްބަސްވުމުގައި އިޖުތިމާއީ ހިދުމަތުގެ ގޮތުގައި ކޮށްދޭންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކޮށްދީފައި ނުވުން
  • ކައުންސިލް އިދާރާއިން އެހީ ދިނުމުގެ ގަވާއިދެއް ފާސްނުކޮށް އަމިއްލަ ޖަމިއްޔާތަކަށް އެހީ ދީފައިވުން
  • މަސް ބަނދުކުރާ ކާރުހާނާއެއް ހެދުމަށް ތިނަދޫން ކުއްޔަށް ދޫކޮށްފައިވާ ބިމުގެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވުމާއި ބިމު ކުއްޔާއި އިޖުތިމާއީ ހިދުމަތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އިދާރާއަށް ދައްކާފައި ނުވުން
  • ކައުންސިލް އިދާރާގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއްގެ އެއްބަސްވުން ކައުންސިލް އިދާރާގެ ނަމަށް ބަދަލުކޮށްފައި ނުވުމާއި ސިނާއީ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުން އާ ނުކޮށް ބިން ބޭނުންކުރަމުން ގޮސްފައިވުން

ތިނަދޫ ކައުންސިލް އިދާރާގެ ފައިސާއާ ބެހޭ މުއާމަލާތްތަކެއް ގޯސްކޮށް ކުރިއަށް ގެންގޮސްފައިވާކަން އޮޑިޓު ރިޕޯޓުން ހާމަވި އިރު އެކައުންސިލްގެ މޭޔަރު ސައުދު އަލީ އަދި އެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ މިދިޔަ މަހު 25ގައި ވަނީ ސަސްޕެންޑްކޮށްފައެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އެކައުންސިލާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކެއް ބެލުމުގެ ގޮތުން ކައުންސިލް އިންކުއައިރީއެއް ކުރިއަށް ގެންގޮސްފައެވެ. އެ އިންކުއަރީގައި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބަޔާން ނަގައި ލިޔެކިޔުންތައް އެލްޖީއޭއިން ވަނީ ދިރާސާކޮށްފައެވެ.