ރާއްޖެއަށް މި ދުވަސްވަރު މޫސުން ގޯސްވެފައިވާތީ މޫދު ކުޅިވަރުތައް މަޑުޖައްސާލަން ފުލުހުން އެދިއްޖެއެވެ.

ފުލުހުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މި ދުވަސްވަރު ކަނޑުތައް ގަދަވެ، ވައި ގަދަވެފައިވާތީ، މޫސުން އަލިވަންދެން މޫދު ކުޅިވަރުތައް އަދި ކަނޑުމަތީގައި ހިންގާ އެހެން ހަރަކާތްތައް މަޑުޖައްސާލުމަށް އެދޭ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއްގެ ރިޕޯޓު ލިބެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް ހަފުތާގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މި ހަފުތާ ބަންދުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މިވަގުތު ވެސް މެޓުން އޮތީ ހއ. އިން ފ. އަތޮޅާ ދެމެދަށް ވަައިޓް އެލާޓް ނެރެފައެވެ.