ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އިބްރާހިމް މުސްތަފާ އަވާހަރަވެފައިވަނީ އުމުރުން 57 އަހަރުގައި ރޭގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވީ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން އިންޑިއާގެ ކޮޗިންއަށް ގެންދިޔަތަނާއެވެ. މުސްތަފާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގައެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތައުލީމީ ގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު 2012 ވަނަ އަހަރު ހާސިލުކުރައްވާފައިވާ އަދި ސިއްހި ދާއިރާގެ ކުރިއެރުމަށް ދިރާސާތަކެއް ކުރެއްވި މުސްތަފާ އަވަހާރަވުމުގެ ހިތާމައިގައި، އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

"މަރުހޫމް އިބްރާހިމް މުސްތަފާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މާތް ﷲ މިންވަރު ކުރައްވާށިއެވެ! އާމިން" ރައީސް ވިދާޅުވިއެވެ.

އިބްރާހިމް މުސްތަފާ ދިރިއުޅުއްވަމުން ގެންދިޔައީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައެވެ.