ބަރަހަނާ ފޮޓޯތަކެއް ހުރި ކަމަށްބުނެ، ޓެލެގްރާމް މެދުވެރިކޮށް ފޮނުވާ ފިޝިން ލިންކުތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފޮޓޯތަކެއް ހުރި ކަމަށްބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިން ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވެމުންދާ ކަމަށެވެ.
ލިންކަކާއެކު ފޮނުވާ އެ މެސެޖުތަކުގައި ބުނެފައިވަނީ، ވެބްސައިޓެއްގައި ފޮޓޯތަކެއް ހުރި ކަމަށެވެ. އަދި އެ ލިންކަށް ފިތުމާއެކު، ފޯނުގެ ކޮންޓެކްޓު ލިސްޓުގައި ހުންނަ އެންމެންނަށް ހަމަ އެ މެސެޖު ފޮނުވި، ޓެލެގްރާމް އެކައުންޓު ހެކްވެއެވެ.
ފުލުހުން ބުނީ އެ ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކު ކަމަށާއި މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނާ ކަމަށެވެ. އަދި ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށް ބުނާ ކަމަށް ފުލުހުން ބުންޏެވެ.
"އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެއެވެ. އަދި ތިމާގެ ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ޕިޝިން ލިންކު ފޮނުވަމުންދެއެވެ." ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ، ސްކޭމްގައި ޖެހި ޓެލެގްރާމް އެކައުންޓު ގެއްލިއްޖެ ނަމަ ހަދާނެ ގޮތުގެ އިރުޝާދުތައް ވެސް ދީފައެވެ.
ސްކޭމްގައި ޖެހި ޓެލެގްރާމް އެކައުންޓު ގެއްލިއްޖެނަމަ ހަދާނީ ކިހިނެއް؟
ޓެލްގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިން ލިންކު ސްކޭމްގެ ޝިކާރައަކަށް ވެ ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯކޮށްލާށެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރާށެވެ.
ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެގޮތް:
- ޓެލެގްރާމް ސެޓިން
- ޕްރައިވަސީ އެންޑް ސެކިއުރިޓީ
- ޓޫ-ސްޓެޕް ވެރިފިކޭޝަން
- ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން
- ރިކަވަރީ އީމެއިލް އެޑްކުރުން
ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށްޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި އެފަދަ ލިންކު ފޮނުވިކަމުގައިވިޔަސް އެއަށް ސަމާލުކަންނުދިނުމަށް އިލްތިމާސްކުރާ ކަމަށާއި އެއީ ޓެލެގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިން ލިންކެއް ކަމަށެވެ. އެހެންކަމުން އެފަދަ ލިންކުތަކަށް ނުފިތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް