ސިއްހީ ހިދުމަތަކީ ތަފާތު ހަނދާންތަކާއި ތަފާތު ތަޖުރިބާތަކާއި ތަފާތު އިހުސާސްތަކާ ގުޅިފައިވާ ހިދުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ، މަރަދޫފޭދޫ، ތުރީއެސް ލައުންޖުގައި މިއަދު ހަވީރު ކުރިއަށްދިޔަ އައްޑޫ ސިޓީ ފޭދޫ ސިއްހީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވަނީ ފޭދޫގައި ޑަކްޓަރީ ބޭސްފަރުވާގެ ހިދުމަތް ދެއްވަން ފެއްޓެވި ގޮތާއި މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވައިފައެވެ.

ސިއްހީ ހިދުމަތުގެ ދާއިރާގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމާއި ކަންކަމުގެ އަސްލު މައްސަލަ ދެނެގަންނަން ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރިކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ވަނީ، ފޭދޫ ސިއްހީ މަރުކަޒަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު ވެސް ދީފައެވެ.

އެ ޖަލްސާގައި މެޑަމް ސާޖިދާ ވަނީ ފޭދޫ ސިއްހީ މަރުކަޒަށް 30 އަހަރަށްވުރެ ދިގު މުއްދަތަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވައިފައެވެ.