ރ. އަތޮޅުގެ ރިސޯޓަކުން ކެނޯއެއްގައި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނުކުތް، އެ ރިސޯޓުގެ މުވައްޒަފަކު ގެއްލިފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިރޭ 8:43 ހާއިރު ކަމަށާއި އެއީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހާ ހޯދުމަށް ފުލުހުންނާއި ކައިރި ރިސޯޓުތަކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރަމުންދާ އިރު، މިއަދު ވަނީ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގައިފައެވެ. އެގޮތުން ލ. ހިތަދޫން ދަތުރުކުރަމުންދިޔަ ބޯޓެއް ދިޔަވެފައިވާ އިރު، ގދ. ގަމުން ޑިންގީއެއްގައި ދަތުރުކުރަމުންދިޔަ 75 އަހަރުގެ މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.