ގިނަ އަދަދެއްގެ މުދަލާއެކު ލ. އަތޮޅުން ދަތުރުކުރަމުންދިޔަ ބޯޓެއް ދިޔަވާން ފަށައިފިއެވެ.

އެ ބޯޓަކީ ލ. ހިތަދޫގެ މުދާ އުފުލާ ބޯޓު "އޯޝަން އެކްސްޕްރެސް" އެވެ. އެ ބޯޓު ދިޔާވާން ފަށާފައިވަނީ ވ. އަތޮޅާ ހިސާބުންނެވެ.

ހިތަދޫ ކައުންސިލުގެ ރައީސް އިބްރާހިމް ޝަމްއޫން "ވަން"އަށް މިރޭ ވިދާޅުވީ ހިތަދޫގެ އެ ރަށުގެ މުދާ އުފުލާ ބޯޓު، މާލެ ދަތުރުކުރަމުންދަނިކޮށް މިރޭ ދިޔަވާން ފަށައި، އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ބޯޓުން ގިނަ އަދަދެއްގެ މުދާ އުފުލައިގެންދިޔަ ނަމަވެސް، އެއީ ކިހާ އަދަދެއްގެ މުދާ ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

އެ ބޯޓު ދިޔާވަން ފެށުމާއެކު އެ ބޯޓުން ދަތުރުކުރަމުންދިޔަ 12 މީހުން ސަލާމަތްކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ އެ ސަރަހައްދަށް ދަތުރުކުރަމުންނެވެ.