ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓްތަކުގެ އަދަދު 5.8 ޕަސަންޓު އިތުރުވެއްޖެއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ވީއައިއޭއަށް ޖައްސާފައިވަނީ 7613 ފްލައިޓެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖެއްސީ 7193 ފްލައިޓެވެ. އެހެންކަމުން އެއީ 5.8 ޕަސަންޓުގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވީއައިއޭއަށް އެންމެ ގިނައިން ޖައްސާފައިވަނީ ޝެޑިއުލް ދަތުރުތައް ކުރާ ފްލައިޓުތަކެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ވީއައިއޭއަށް ވަނީ ޝެޑިއުލް ދަތުރުތައް ކުރާ 6961 ފްލައިޓް ޖައްސައިފައެވެ. މިއީ މިދިޔަ އަހަރަށް ވުރެ 6.7 ޕަސަންޓު އިތުރު އަދަދެކެވެ.

ވީއައޭއަށް ޖައްސާފައިވާ ފްލައިޓްތަކުގެ އަދަދު އިތުރުވި ނަމަވެސް ޗާޓާކޮށްގެން އައި ފްލައިޓްތަކާއި ޕްރައިވެޓް ޖެޓްތައް ޖެއްސި އަދަދު ވަނީ މަދުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު 670 ފްލައިޓު ޖެއްސިއިރު މިއަހަރު ޖެއްސީ 652 ފްލައިޓެވެ.

ފުލައިޓްތައް ގިނަވި އިރު، ވީއައިއޭއިން އަންނަނީ އެއާޕޯޓުގެ އާ ޑިޕާޗާ ޓާމިނަލްވެސް މި މަހުގެ 26 ގައި ހުޅުވާން ތައްޔާރުވަމުންނެވެ.