ހަސީނާގެ ފޯންކޯލުގެ އޯޑިއޯ ކޯޓުގައި އޭނާއާ ދެކޮޅަށް ބޭނުންކުރަން ނިންމައިފިއެވެ.
ބަންގްލަދޭޝްގައި މިދިޔަ އަހަރު އެ ގައުމުގެ ސްކޫލު ދަރިވަރުން އިސްވެ، އެއިރު ވެރިކަން ކުރަމުންދިޔަ ޝެއިހް ހަސީނާގެ ސަރުކާރާ ދެކޮޅަށް ކުރިޔަށްގެންދިޔަ މުޒާހަރާތައް ހުއްޓުވުމަށް ހަތިޔާރުގެ ބޭނުން ކުރުމަށް އަމުރުކޮށް ވާހަކަދެއްކެވި ފޯނުކޯލެއްގެ އޯޑިއޯ ލީކުވެ އެ މައްސަލަ ވަނީ ފެންމަތިވެފައެވެ.
މިދިޔަ މާޗް މަހު ލީކުވެފައިވާ އެ އޯޑިއޯ އަނެއްކާވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ އޯޑިއޯއިން ވަނީ މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހަތިޔާރުގެ ބޭނުން ކުރުމަށާއި ބަޑިޖަހަން ފެނިއްޖެ ނަމަ އެކަންވެސް ކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލައިގައި ބަންގްލަދޭޝްގެ ޕްރޮސިކިއުޓަރުން ވަނީ އެ އޯޑިއޯ ހަސީނާއާ ދެކޮޅަށް ކޯޓުގައި ބޭނުން ކުރާނެ ކަމަށް ބުނެފައެވެ. ބަންގްލަދޭޝްގެ ކޯޓުން މިދިޔަ ހަފުތާގައި ހަސީނާގެ މައްޗަށް ޖަލުގެ ހުކުމެއްވެސް ވަނީ އިއްވާފައެވެ.
އދގެ ކަމާބެހޭ އިދާރާތަކުން ކުރި ތަހުގީގުން ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޭރުގެ ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާތަކުގައި 1،400 މީހުން މަރުވެފައިވާކަމަށް ބުނެފައެވެ.
މުޒާހަރާތައް ހޫނުވެ އެންމެފަހުން އެގައުމުގެ ސަލާމަތީ ބާރުތަކަށް މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ނުވުމުން ހަސީނާ ވަނީ ފިއްލަވައި ގައުމުދޫކުރައްވައި އިންޑިއާއަށް ވަޑައިގެންފައެވެ.
ޝެއިހް ހަސީނާ ނިސްބަތްވާ ބަންގްލަދޭޝްގެ އަވާމީ ލީގް ޕަޓީގެ ތަރުޖަމާނު ވަނީ އެއޯޑިއޯގައި އެއްވެސް ކަމެއް ގާނޫނާއި ހިލާފަށް ކުރިޔަށް ގެންދިއުމަށް ހަސީނާ އަމުރުކޮށްފައިވާކަމަށް ސާބިތު ނުވާނެކަމަށްބުނެ އެ އުފުލަމުންދާ ދައުވާތަކަށް އިންކާރުކޮށްފައެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް