އައްޑޫ ސިޓީ ހުޅުމީދޫގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު "ވަން"އަށް ބުނީ ހުޅުމީދޫގައި ބަޔަކު، މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހުންގެ ތެރެއިން އެކަކު ގޯޅިއެއްތެރޭ ހުންނަ ގެއަކުން ނުކުތް މީހަކަށް އަނިޔާ ކުރާ މަންޒަރެެވެ. އަދި ބޮޑު މަގު ހުރަސްކޮށް ކުރިމަތީ އޮންނަ ގޯޅިއަށް ވަންނަމުންވެސް އެ މީހާއަށް އަނިޔާކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ފަހުން އެ ވީޑިއޯއިން ފެންނަނީ އިތުރު ސައިކަލެއްގައި ދިޔަ ދެ މީހަކުވެސް އެތަނަށް ގޮސް މަޑުކޮށް، އެ ގޯޅިއަށް ވަންނަ މަންޒަރެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި މީހާއަކީ ކުރިން ފުލުސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ.

ފުލުހުން އިތުރަށް ބުނީ އެ މާރާމާރީގައި އަނިޔާ ލިބިފައިވަނީ 22 އަހަރުގެ ފިރިހެނަކަށް ކަމަށާއި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވުމުން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެެވެ.