އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރެޓު ގެއްލުނުކަން އެނގުނީ އެ ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް ފަހު ކަސްޓަމްސްއަށް އަންގައި އޭގެ ފަހުން ސްޓޮކް ގުނުމުން ކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިއްޔެ ވިދާޅުވެއްޖެއެވެ.

ނާޒިމް އެފަދައިން ވިދާޅުވީ، ދެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލުނު މައްސަލަ އާއި ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން، ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް ވަގަށް ބޭލި މައްސަލައާއި ކަސްޓަމްސްގެ މުވައްޒަފުންތަކެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ ދައުރުކުރި މައްސަލައާ ގުޅިގެން ބޭއްވި މަޖިލީހުގެ 241 ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައެވެ.

ނާޒިމް ވިދާޅުވީ ސިނގިރޭޓު ކޭސްތައް މަދުވިކަން އެނގުނީ ކުންފުނީގެ ހިއްސާ ބަދަލުކުރުމަށްފަހު އެކަން ކަސްޓަމްސްއަށް އަންގައި، އަލުން ސިނގިރޭޓުތައް ގުނުމުން ކަމަށެވެ.

"މިއީ ދުރާލައި ރާވައިގެން ހިންގި ޖަރީމާއެއް" ނާޒިމް ވިދާޅުވިއެވެ.

ކޮމިޓީގެ އެހެން މެންބަރުންވެސް ވަނީ ނާޒިމްގެ ވާހަކައަށް ތާއީދުކުރައްވައި ވާހަކަ ދައްކަވައިފައެވެ. އެގޮތުން ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ކުންފުނީގެ ހިއްސާ ބަދަލުކޮށްފައިވަނީ ވަރަށް އާދައިގެ ދެމީހެއްގެ ނަމަށް ކަމަށާއި އެކަން ކޮށްފައިވަނީ ހަގީގީ ބޮޑުން މައްސަލައިން ސަލާމަތްވުމަށް ކަމަށެވެ.

ނާޒިމް ތުހުމަތުކުރެއްވި ގޮތުގައި އެކަން ކޮށްފައިވަނީ ރާއްޖޭގެ ބޮޑު ވިޔަފާރިވެރިއަކު އަޑީގައި ހުރެގެންނެވެ. އެކަމުގެ ސަބަބުން ދައުލަތަށް 67 މިލިއަން ރުފިޔާ (ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ) ގެއްލިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ފައިސާ ދެން ލިބޭނެ ކަމުގެ އެއްވެސް އުންމީދެއްވެސް ނެތްކަމަށް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކާ ގޮތުގައި އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރުންނަށް ތިބީ މުހައްމަދު ޝަރީފާއި އަބްދުލް އަހަދު އަދުނާނެވެ. އެ މީހުންގެ މައްޗަށް ކުންފުނި ބަދަލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.