ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމާ ގުޅޭ ކަންކަން ހިމަނައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގަނެފި އެވެ.
މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އަގުލަބިއްޔަތުން އެ ބިލު މިހާރުވަނީ އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ފޮނުވައިފަ އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.
އެ ބިލުގައިވާ ގޮތުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ:
- ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި
- ގައުމީ މުހިންމު މައްސަލަތަކުގައި
- ގާނޫނު އަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް އިސްލާހު ގެނައުމަށް
- ގާނޫނުއަސާސީގެ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައަޅާ މާއްދާ އިސްލާހުކުރާ ނަމަ
- ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ރިޔާސީ ދައުރަށް އިސްލާހެއް ގެންނަނަމަ
- ރައީސް އިންތިހާބުކުރާ ގޮތަށް އިސްލާހެއް ގެންނަ ނަމަ
- ރައީސް ބިލު ތަސްދީގުކުރާ މާއްދާއަށް އިސްލާހެއް ގެންނަ ނަމަ
- ރާއްޖޭގެ ސަރަހައްދު ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ މާއްދާއަށް އިސްލާހެއް ގެންނަނަމަ
- ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް
އެ ބިލުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހެ އެވެ.
އޭގެ އިތުރުން ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.
އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ފާސްކުރާ އަދި ރައީސް ނެރޭ ގަރާރުގައި އެއް މައްސަލައަށްވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓު ނަގަން ކަނޑައެޅިދާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި، އެމައްސަލައާ އެއްކޮޅަށް، ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމަނަން ޖެހެ އެވެ.
އެ ގަރާރުގައިވާ ގޮތުގެ މަތީން ވޯޓުގެ ކަންތައްތައް ކުރިއަށް ގެންދާނީ އިލެކްޝަން ކޮމިޝަން (އީސީ) އިންނެވެ.
އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެ އެވެ. އަދި އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީން ވޯޓު ނެގުން ބާއްވަން ޖެހެ އެވެ.
އެ އެކުލަވާލާ ކަރުދާސް ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ތެރޭގައި އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނަށް މި ބިލުގައި ވަނީ ލާޒިމުކޮށްފަ އެވެ.
މި ބިިލުގައި އިތުރަށް ބުނެފައިވާ ގޮތުގައި:
އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ފާސްކުރާ އަދި ރައީސް ނެރޭ ގަރާރު، އެހެން ގަރާރަކުން އަނބުރާ ގެންދެވިދާނެނަމަވެސް ގަރާރު އަނބުރާ ގެންދެވޭނީ ވޯޓު ނަގާނެ ތާރީހެއް އީސީން އިއުލާނުކުރުމުގެ ކުރިންއެ ގަރާރުގައި ވޯޓު ނުނަގަން ނިންމި ސަބަބު ބަޔާންކުރަން ޖެހޭނެރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކަށް ނުގޮސް ނިމޭނެ ގޮތަކަށް ބަދަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ހުށަހަޅުއްވައިފަ އެވެ. އެކަމަށް އެ މަނިކުފާނު ހުށަހަޅުއްވަނީ ޕްރިފަރެންޝަލް ވޯޓިން ނިޒާމަކުން ވެރިޔަކު ހޮވުމަށް ކަމަށް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް