މިދިޔަ ދެ އަހަރުވެސް ވިމްބަލްޑަން ފިރިހެން ސިންގަލްސް ތަށި ހޯދާފައިވާ ސްޕެއިން ކާލޮސް އަލްކަރާޒް، އަނެއްކާވެސް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި ދެވަނައަށް ސީޑު ކޮށްފައިވާ އަލްކަރާޒް، އިނގިރޭސިވިލާތުގެ ކަމެރޮން ނޯރީ، ވިމްބަލްޑަން ހޯދަން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލައި، ކުއާޓާ ފައިނަލް މެޗު ކާމިޔާބުކުރީ 6-2، 6-3 އަދި 6-3 އިން ސެޓުތައް ގެންގޮސްގެންނެވެ.

އަލްކަރާޒަކީ ދެވަނައަށް ސީޑު ކޮށްފައިވާ ކުޅުންތެރިޔާ ނަމަވެސް، މިވަގުތު ވިނަ ކޯޓުގައި އެންމެ ތަފާތު ފޯމެއް ދައްކަމުން ދަނީ އޭނާއެވެ. އަލްކަރާޒްގެ ވާދަވެރިޔާ ޔެނިކް ސިނާ، އެއްވަނައަށް ސީޑު ކޮށްފައި ވަނީ ރޭންކިންނަށް ބަލައިގެންނެވެ.

ސިނާ އެއްވަނައިގައި އޮތް ނަމަވެސް، އަލްކަރާޒްގެ ރެކޯޑު މިހާރު ފެންނަނީ މާ ނުރައްކާ ބޮޑު ކޮށެވެ. އެންމެފަހުން ކުޅުނު 23 މެޗުންވެސް އަލްކަރާޒް މޮޅުވެފައިވާ އިރު، އޭނާ މަސައްކަތް ކުރަނީ އޯޕަން އެރާގައި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ވިމްބަލްޑަން ކާމިޔާބުކުރާ ފުރަތަމަ ކުޅުންތެރިޔާއަށް ވުމަށެވެ.

އަލްކަރާޒް ސެމީ ފައިނަލުގައި ނުކުންނާނީ އެމެރިކާގެ ޓައިލާ ފްރިޓްޒްއާ ދެކޮޅަށެވެ. އޭނާ ކެރިއަރުގައި ފުރަތަމަ ބޮޑު ތަށްޓަށް މަސައްކަތް ކުރަމުންދާ އިރު، ސެމީ ފައިނަލަށް ދަތުރުކުރީ ރަޝިއާގެ ކަރެން ކަޗަނޯވް ކައިރިން 6-3، 6-1، 7-6 (7-4) އިން ސެޓުތައް ގެންގޮސްގެންނެވެ.

ވިމްބަލްޑަން ކުއާޓާ ފައިނަލްގެ އިތުރު ދެމެޗު މިއަދު އޮންނާނެއެވެ. އެއީ ސިނާއާއި ބެން ޝެލްޓަން ވާދަކުރާ މެޗާއި ނޯވަކް ޖޮކޮވިޗް އަދި ފްލަވިއޯ ކޮބޮލީ ވާދަކުރާ މެޗެވެ.