ބްރެޒިލް ކްލަބު ބޮޓަފޯގޯގެ ކޯޗަކަށް، ބްރެޒިލް ގައުމީ ޓީމުގެ ކޯޗު، ކާލޯ އެންޗެލޮޓީގެ ދަރިފުޅުނު ޑެވީޑް އެންޗެލޮޓީ ހަމަޖައްސައިފިއެވެ.

އުމުރުން 35 އަހަރުގެ ޑެވީޑަކީ ބައްޕަ ކައިރިން ކޯޗިން ތަޖުރިބާ ހޯދާފައިވާ ޓެކްޓިކަލް ވިސްނުން ރަނގަޅު ކޯޗެކެވެ. ޑެވީޑް ވަނީ ކާލޯ އެންޗެލޮޓީއާއެކު އެސިސްޓެންޓެއްގެ ގޮތުގައި ބަޔާން މިއުނިކް، ނަޕޯލީގެ އިތުރުން އެވަޓަންއާއި ރެއާލް މެޑްރިޑްގައިވެސް މަސައްކަތް ކޮށްފައެވެ.

މިދިޔަ ސީޒަނަށްފަހު ބައްޕައާއެކު ރެއާލް ދޫކޮށްލި ޑެވީޑަކީ އެންޗެލޮޓީއަށް ޓެކްޓިކަލް ޑޭޓާ އެނަލައިޒް ކޮށްދީ، ޒަމާނީ ވަސީލަތްތަކުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ހިފުމަށް ބާރު އެޅި އެސިސްޓެންޓް ކޯޗެކެވެ.

ބޮޓަފޯގޯއިން ދާދިފަހުން ކްލަބު ވޯލްޑް ކަޕުގައި ކުޅެ، ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ ބަލިކުރި ނަމަވެސް، އެ މުބާރާތުގެ ނާކާމިޔާބީއާއެކު ކުރިން ހުރި ކޯޗު، ރެނާޓޯ ޕައިވާ ވަނީ މަގާމުން ވަކިކޮށްފައެވެ.

ބޮޓަފޯގޯ ކުރީ ކޯޗާއެކު ކްލަބު ވޯލްޑް ކަޕުން ކެޓީ ގަދަ 16 އިންނެވެ. އެއީ އިތުރު ވަގުތަށް ދިޔަ މެޗުގައި ޕަލްމެއިރާސް އަތުން 1-0 އިން ބަލިވެގެންނެވެ.