ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުވީ ގިނަ ދުވަސްތަކެއް ނުވެ ރިޓަޔާކުރައްވަން ޖެހޭކަން އެނގިހުރެ ކަމަށާއި މަގާމާ ހަވާލުވީ ލަނޑުދަނޑިތަކެއް ހާސިލުކުރަން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލު ވިދާޅުވެއްޖެއެވެ.

މައުރޫފް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އަދި އަންނަ މަހު ރިޓަޔާކުރައްވަން ނިންމަވާފައިވާކަން މައުރޫފް މިހާރު ވަނީ އިއުލާންކުރައްވައިފައެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޑައިގެންނެވުމުގެ ފުރުސަތު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ ސެމީ ރިޓަޔާކޮށްގެން ހުންނަވަނިކޮށް ކަމަށެވެ.

"އަޅުގަނޑަކީ ހުޅުމާލެ މީގެ 24 އަހަރުކުރިން އުފެއްދުމުގެ މަސައްކަތުގައި އުޅުނު މީހެއް. އެހެންވީމާ 24 އަހަރު ފަހުން އަޅުގަނޑަށް އެޗްޑީސީގެ އެމްޑީ ކަމުގެ މަގާމު ގަބޫލުކޮށްފާނެތީ އެއްސެވީމާ، އަޅުގަނޑަށް ވަރަށް ޔުނީކް ފުރުސަތެކޭ މި ލިބުނީ، މި ފުރުސަތު ދޫކޮށްލާކަށް ނުވާނެއޭ، އެއީ ފުރަތަމަ ވެސް ހިތަށް އެރި އެއްޗަކީ. ހަވާލުވި އިރުވެސް އެނގޭ ވަރަށް ބުރަވާނެކަން ވެސް. އެހާ ގިނަ ދުވަހު ހުރުމުގެ އިންޓެންޝަނެއް ވެސް ނެތް،" އޭނާ ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ކިތަންމެ ކުރު މުއްދަތަކަށް ހަވާލުވާން ޖެހުނަސް، އެ މަގާމާ ހަވާލުވެވަޑައިގެންނެވީ އެ މަސައްކަތްކުރައްވަން ބޭނުންވެފައި ހުރިވަރު ބޮޑުކަމުން ކަމަށާއި އޭރުވެސް އެޗްޑީސީގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އަދި ވަރަށް ޝައުގުވެރި، ބުރަ މަސައްކަތަކަށްވާތީ މަގާމާ ހަވާލުވާން ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުޑަ ދުވަސްކޮޅަކަށް ނަމަވެސް، އައިސް ކުރަން ފެށި ކަންތައްތަކަށް ބަލައިލުމުން ހުރި ތަނުގެ ލޭންޑް ޔޫސް ޕްލޭން، އެޗްޑީސީގެ ހިންގުން ހަރުދަނާކުރުން، މިކަހަލަ ލަނޑުދަނޑިތަކެއް ހުރީ. އޭގެ ގިނަ ކަންތައްތަކެއް މިހާރު އެ ހުރީ ހާސިލުވެފައި. އެހެންވީމާ ރިޓަޔާކުރުން އެއީ ރަނގަޅު ކަމެއް ކަމަށް ގަބޫލުކުރަނީ، އަޅުގަނޑު މި އުމުރަށް ދާއިރު،" އޭނާ ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ ރައީސް ވަރަށް ގާތްކަން ބާއްވަވައި، ބޮޑު އިތުބާރެއް ކުރެއްވި ކަމަށާއި ހުރިހާ ކަމަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށެވެ. އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ރިޓަޔާކުރެއްވި ނަމަވެސް، އެ ކުންފުނީގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނަވަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުރޫފް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެޗްޑީސީން ވަނީ ހުޅުމާލޭގެ މާސްޓާޕްލޭނަށް އުންމީދީ ބަދަލުތަކެއް ގެނެސް، އެ ކުންފުނީގެ ހިންގުމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް އާ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައިފައެވެ. އަދި ހުޅުމާލޭގެ ލޭންޑްޔޫސް ޕްލޭންގެ މަސައްކަތްތައް ވެސް ކުރެވުނެވެ.

މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފައެވެ. އެއިރު އެޗްޑީސީ އުފައްދައިފައެއް ނުވެއެވެ. އެޗްޑީސީ އުފެއްދި ފަހުން މައުރޫފް ވަނީ އެ ކުންފުނީގެ މުހިންމު މަގާމުތަކެއް އަދާކުރައްވައިފައެވެ. އެގޮތުން އެ ކުންފުނީގެ ސީއީއޯގެ މަގާމު ދުވަސްކޮޅަކަށް ފުރުއްވިއެވެ. މައުރޫފަކީ ހުޅުމާލެ ޑިޒައިން މަރުހަލާއިން ފެށިގެން ގޮސް އެތަން ވުޖޫދު ވުމާއި ހަމަޔަށް ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި ވަނީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މުހިންމު މަގާމުތަކެއް ވެސް އަދާކުރައްވައިފައެވެ.

މީގެ އިތުރުން މައުރޫފް ވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.

އާކިޓެކްޗާ ހެރިޓޭޖުގެ ދާއިރާއިން މައުރޫފް މިހާރު ވެސް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަަރުގެ މަގާމަށް މައުރޫފް އައްޔަންކޮށްފައި ވަނީ، ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވައިފައިވަނީ ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް ބަޔަކަށް ގޯތި ދިން މައްސަލައެއްގައެވެ.