ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލު އިމާރާތްކުރުމަށް ބޭނުންވާ ބިން ހުސްކޮށް، އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅުގައި ފަށަން ހަމަޖައްސައިފިއެވެ.
ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލު އިމާރާތް ކުރުމަށް ބޭނުންވާ ބިން ހުސްކުރުމަށްޓަކައި، ވިލިމާލެ ހޮސްޕިޓަލު ވަގުތީގޮތުން ހިންގުން ވިލިމާލޭގައި ހުންނަ އަމާން ހިޔާއަށް ބަދަލުކުރަން މިދިޔަ މަހުގެ 22 ގައި ވަނީ ނިންމައިފައެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ވިލިމާލޭގައި ހުންނަ އަމާން ހިޔާއަށް ވަގުތީގޮތުން ހޮސްޕިޓަލުގެ ހިންގުން ބަދަލުކުރުމަށް އެތަނުގެ ކުރެހުންތައް މާލެ ސިޓީ އޮފް ހޮސްޕިޓަލުގެ ޓީމުން ކުރިއަށްގެންދާ ކަމަށެވެ.
"އެއީ އިންޓީރިއާއަށް ގެންނަންޖެހޭނީ ކޮން ބަދަލުތަކެއްތޯ އަދި އެތަނުގެ ފްލޯޕްލެނާ އީއާރު ގާއިމުކުރުމާ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އިން ގޮތުން ބައި އެންޑް އޮފް ދިސް އިޔާ އޯ ބިގިނިގް އޮގް ނެކްސްޓް އިޔާގައި ވިލިމާލެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިގެންދާނެ. އެ ޓާގެޓަށް އެ ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށްފައި މިވަނީ،" ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ މިހާރު ޑިޒައިންކުރުމުގެ މަސައްކަތް ކުރިއަށްގެންދާ އިރު، ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލު ގާއިމުކުރާނީ މިހާރު ހޮސްޕިޓަލުގެ އިމާރާތާއި އެ ސަރަހައްދުގެ އިތުރު ބިންތައް ހިމަނައިގެން ކަމަށެވެ. އެ މަސައްކަތާ ގުޅިގެން އެ ޕްރޮޖެކްޓު ގާއިމުވެގެންދާ އިރު، ވިލިމާލޭގައިވެސް ހުރިހާ ހިދުމަތްތަކާއެކު ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވިލިމާލެ ރައްޔިތުންނަށް ދަތިނުވާނޭ ގޮތަަކަށް ވިލިމާލޭގައި އާ ހޮސްޕިޓަލު ނިމެންދެން، މިހާރު ދޭ ހިދުމަތްތަކާއި އަދި އެއަށްވުރެވެސް އިތުރަށް ދެވެން ހުރި ހިދުމަތްތައްވެސް ބަލަމުންގެންދާ ކަމަށާއި މިއަހަރު ނިމެންވާއިރަށް ވަގުތީ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިންމޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލުގެ ހެދުމުގެ މަޝްރޫއުގެ ފީސިބިލިޓީ ދިރާސާ ހެދުމަށް ޗައިނާ ސަރުކާރާއެކު ސޮއިކުރީ 22 މެއި 2024 ގައެވެ. އެ މަސައްކަތް ނިންމައި، ނިންމިކަމުގެ އެއްބަސްވުމުގައި ދެ ގައުމުން ވަނީ 17 އޮކްޓޯބަރު 2024 ގައި ސޮއިކޮށްފައެވެ.
ފާތިމަތު ލިއުޝާ
ވިލިމާލެ
ވިލިމާލެ
ވިލިމާލެ