ފެނަކަ ކޯޕަރޭޝަންގެ ޗެއާޕާސަންކަމުގެ މަގާމަށް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމްގެ ބަދަލުގައި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ފެނަކައިގެ ޗެއާޕާސަންކަމުގެ މަގާމުން ޝިމާދު ވަކިކޮށް، އެ މަގާމަށް ޝާމް އައްޔަންކޮށްފައިވަނީ މިއަދުއެވެ.

ފެނަކައަށް ލިބިފައިވާ މާލީ ގެއްލުމުން އަރައިގަތުމަށް އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުމަށް މިދިޔަ އަހަރު ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ޝިމާދު ވަނީ ފެނަކައިގެ ޗެއާޕާސަންކަމުގެ މަގާމަށް އައްޔަންކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުމަށް ސަރުކާރުން އޭރު ނިންމި ނަމަވެސް، ފަހުން އެ މަސައްކަތް މަޑުޖައްސާލަން ވަނީ ނިންމައިފައެވެ.

ޝާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ވެސް ފެނަކައިގެ ޗެއާޕާސަންކަމުގެ މަގާމު އަދާކުރައްވައިފައެވެ. އޭރު އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.