ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދޭން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމުގެ އުސޫލުން ބޭރުން ގޯތިތަކެއް ދޫކުރި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން މަގާމުން ސަސްޕެންޑްކޮށްފައިވާ އިބްރާހިމް ފަޒީލް ރަޝީދު، އެ މަގާމުން ވަކިކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީގެ މަގާމުން ފަޒީލް ސަސްޕެންޑްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ގަ އެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ ފަޒީލް، މާދަމާއިން ފެށިގެން ޢެ މަގާމުން ވަކިކުރަން ނިންމީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ. އެއީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ބޯޑުން އެޅި ފިޔަވަޅެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ފަޒީލްގެ މައްޗަށް ކުރިއަށް ގެންދާ ތަހުގީގާއެކު އިސްމަގާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށް ބޯޑުން ދެކޭ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ވަގު ގޯތީގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަދި އޭނާގެ ބޭބެ ފަޒީލް ހިމެނޭހެން، 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. އެ މީހުންގެ ޕާސްޕޯޓުތައް ހިފަހައްޓާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ގައެވެ.
ނަމަވެސް ފަހުން ފުލުހުން މިއަހަރުގެ މާޗުމަހުގެ 26 ވަނަ ދުވަހު "ވަން" އަށް ބުނެފައިވަނީ އެ ހުރިހާ މީހުންގެ ޕާސްޕޯޓް ދޫކޮށްލާފައިވާ ކަަމަށެވެ.
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވެ، ފެށި ތަހުގީގާ ގުޅިގެން އެޗްޑީސީގގެ ޗެއާމަން އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި އެ ކުންފުނީގެ ބޯޑުގެ ހުރިހާ ބޭފުޅުން ވަނީ ސަސްޕެންޑްކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީ ފަޒުލް ރަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ. ފަހުން ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ފުލުހުން ފަޒުލްއަށް ކުރަނީ ފޯޖަރީގެ ތުހުމަތެވެ.
ފުލުހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ބުނެފައިވަނީ އެ ތަހުގީގުގައި ބަލަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އަދި މި ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް ކަމަށެވެ. އޭސީސީންވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
އޭސީސީން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ އިރު، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށާއި އޭސީސީއަށް، ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވެސް ވަނީ އަމުރުކުރައްވައިފައެވެ.
ފަޒީލަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ކުރީން ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ފަޒީލް ވަނީ އޭނާއަށް ލިބުނު ގޯތީގެ ރެޖިސްޓްރީ ކަމަށް ބުނާ ލިޔުމަކާއެކު، އެ ބިމުގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދި މިދިޔަ 2024 ޖޫން 30 ވަނަ ދުވަހު އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެހެންވެ އެޗްޑީސީން ވަނީ އެ ގޯތީގެ ރެޖިސްޓްރީގެ ސައްހަކަން ބެލުމަށް ހައުސިން މިނިސްޓްރީއަށް ފޮނުވައިފައެވެ. ފަޒީލްގެ އިތުރުން ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް އަބްދުލް މަޖީދު މާހިރު ކިޔާ މީހަކު ވެސް ވަނީ އެކަމަށް ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގައި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ، ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.
އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ސޯޝަަލް މީޑިއާގައި އާންމުވެފައެވެ. ފަޒުލްއަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.
މުހައްމަދު އިޝާން
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ