ގައުމީ އެއާލައިން މޯލްޑިވިއަން އިން މި މަހުގެ ފަހުކޮޅު އުމްރާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ޕީއެސްއެމް އަށް ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވީ، މޯލްޑިވިއަން އިން އުމްރާ ދަތުރުތައް ފަށަނީ މި އަހަރުގެ ހައްޖު މޫސުމުގައި އެ ކުންފުނިން ކުރި ދަތުރުތަކާ ގުޅިގެން ގިނަ އަދަދެއްގެ އުމްރާ ކުންފުނިތަކުން އެ ހިދުމަތަށް އެދެމުން އަންނާތީ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިމަހު ފަހު ހަފުތާގައި އަޅުގަނޑުމެން ފްލައިޓްސްތަކެއް އެބަ އަޅަން އުމްރާއަށް އަދި މި އަހަރުގެ އެކި މުއްދަތުތަކުގެ ތެރޭގައިވެސް އުމްރާ ދަތުރުތައް ކުރަމުންދާނަން،" އިޔާސް ވިދާޅުވިއެވެ.

އިޔާސް ވިދާޅުވީ، އުމްރާ ދަތުރުތައް ކުރާނީ ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުންޏަކާ އެކުގައި ކަމަށެވެ.

އެގޮތުން ހައްޖު ކޯޕަރޭޝަނަށް ކޮށްދޭ އުމްރާ ދަތުރުތައް އޮންނާނީ މި މަހުގެ 22 ވަނަ ދުވަހާއި 27 ވަނަ ދުވަހުގައި ކަމަށް އިޔާސް ވިދާޅުވިއެވެ.