ރާއްޖޭގައިކުރާ ފޮރިން އިންވެސްޓްމަންޓުތަކުން ޒުވާނުންނަށް ވަޒީފާ އާއި ވިޔަފާރީގެ ފުރުސަތުތައް ލިބެންޖެހޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އަދި ސަރުކާރުގެ ސިޔާސަތަކީ ވެސް ދިވެހި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް ދިރިއުޅުމުގެ ފެންވަރުމަތި ކުރުން ކަމަށެވެ.
އެހެންކަމުން ރާއްޖެއަށް ބޭރުގެ އެކި ފަރާތްތަކުން ކުރާ ފޮރިން އިންވެސްޓްމެންޓުތަކަކީ ހަމައެކަނި ދައުލަތަށް ފައިސާ ހޯދުމުގައި ކުރާ ކަމެއްގެ ގޮތުގައި ވެގެންނުވާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެފަދަ އިންވެސްޓުމެންޓުތަކުން ދިވެހި ޒުވާނުންނަށް ވަޒީފާ އާއި ވިޔަފާރިތައް ކުރެވެންވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއިން ރަށުގެ ރައްޔިތުންނަށް ލިބޭނެ ހަމައެކަނި އުފަލަކީ ފުލައިޓުތަކާއި ޖެޓުތައް ޖެއްސާ މަންޒަރު ކަމަށް ވެގެންނުވާނެ ކަމަށެވެ. ނ. އަތޮޅަކީ ދުނިޔޭގެ ފެންވަރުގެ ރިސޯޓުތައް ހިންގާ އަތޮޅެއް ކަމަށާއި އެކަމުގެ ފައިދާ ޒުވާނުން ނަގަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނ. އަތޮޅުގައި މިހާރުވެސް މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތަކެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެހެންކަމުން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު