ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިންމައި އެ އެއާޕޯޓުގެ ހިދުމަތްތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ގިނަ އަދަދަކަށް މަހުޖަނުންގެ ޕްރައިވެޓް ޖެޓްތައްވެސް ޖައްސާ މާފަރު އެއާޕޯޓަކީ، އަބޫ ދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށް ޑިސެމްބަރު 2019ގައި ހުޅުވި އެއާޕޯޓެކެވެ.
އޭގެފަހުން މާފަރު އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރުމަށް 27.1 މިލިއަން ޑޮލަރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރިއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
މާފަރު އެއާޕޯޓް ބޮޑުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން އެއާޕޯޓް ރަންވޭ އިތުރު 650 މީޓަރަށް ބޮޑުކޮށް ސްޓްރިޕް ފުޅާކުރުމަށް ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތް ކޮށްފައިވެއެވެ. އަދި މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑްކޮށް ޓެކްސީވޭ ފުޅާކޮށް ރަންވޭ ލައިޓް އަޕްގްރޭޑް ކުރުމުގެ އިތުރުން އެމްޓީސީސީން ވަނީ ޕަވާ ސިސްޓަމް އަޕްގްރޭޑް ކޮށްފައިވެއެވެ.
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން އިފްތިތާހު ކުރީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓުގެ ދަތުރަކާއެކުއެވެ. އެ ބޯޓަށް މަރުހަބާ ކިއުމުގެ ގޮތުންވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ.
އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް، ޔޫއޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަހްމާ އަބްދުލްރަހުމާން ރަހްމާ އަބްދުލްރަހްމާން އަލް ޝަމްސީ، ޑިރެކްޓާ ޖެނެރަލް އޮފް ދި އަބޫދާބީ ފަންޑް ފާ ޑިވެލޮޕްމަންޓް މުހައްމަދު ސައިފް އަލް ސުވައިދީ، އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިއަދަކީ މާފަރު ރައްޔިތުންނަށް އުފާވެރި ދުވަހެއް ކަމަށާއި އެއާޕޯޓާއެކު މާފަރަށް އިގުތިސޯދީ ދިރުން ލިބިގެންދާނެ ކަަމަށެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ ސަރުކާރުން މިފަދަ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ރައްޔިތުންނަށްޓަކައި ކަމަށާއި ރައްޔިތުންނަކީ މިފަދަ ތަރައްގީގެ ބައިވެރިންނަށް ވާން ޖެހޭނެ ކަމަށެވެ.
މުހައްމަދު އިޝާން
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް