އައިކޯނިކް އިވެންޓްސް އިން އިންތިޒާމުކޮށްގެން ބާއްވަން ތައްޔާރުވަމުންދާ ކައިޓް ސާފިންގެ އެންމެ ބޮޑު އެއް ހަރަކާތް، ރާރާ ޕްރޯ 2025 ގެ ފެށުމަށް ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.

ތަފާތު ހިތްގައިމު ލޯގޯއަކާ އެކު މިދިޔަ މަހު ރަސްމީކޮށް އިއުލާނު ކުރި ރާރާ ޕްރޯ ކ. ދިއްފުށީގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އިންޓަނޭޝަނަލް އޯޕަން އިވެންޓެއްގެ ގޮތުގައި ކުރިއަށްގެންދާ ރާރާ ޕްރޯގައި ޖުމުލަ 20 އެތުލީޓުން ވާދަކުރާނެއެވެ.

ރާރާ ޕްރޯއަކީ ކައިޓް ސާފިންގެ ތަފާތު ހަރަކާތެކެވެ. ރޭސް އަދި ފްރީ ސްޓައިލް ޑިވިޝަންވެސް އިވެންޓްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ރާއްޖޭގެ އެންމެ ފުންނާބު އުސް ކައިޓް ސާފަރުން އިވެންޓްގައި ފެނިގެންދާނެއެވެ. އިވެންޓްގެ ޓްރައިލާއިންވެސް ރާއްޖޭގެ ހިތްގައިމުކަމުގެ ތެރެއިން ކައިޓްސާފިންގެ ތަފާތު ހަކަތަ ފެނިގެން ދެއެވެ.

ރާރާ ޕްރޯގެ އެންމެ ބޮޑު ފޯކަސްއަކީ ބައިނަލްއަގުވާމީ އޯޑިއަންސަކަށް ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ކައިޓްސާފިންގެ މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ރާއްޖޭ އިޝްތިހާރު ކުރުމާއި، ސްޕޯޓްސް ޓޫރިޒަމަށް ފުރުސަތު ފަހިކުރުމެވެ. އޭގެ އިތުރުންވެސް ކައިޓްސާފިން އިތުރަށް ކުރިއަރުވާ، ލޯކަލް ޓޫރިޒިމަށް ކުރިއެރުންތައް ހޯދުންވެސް އެއީ އިވެންޓްގެ އެއް މަގުސަދެވެ.