ދުނިޔޭގެ އެންމެ މުއްސަނދި 10 ބިލިއަނަރުންގެ ލިސްޓުން، މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސް ބޭރުވެއްޖެއެވެ.

ބްލޫމްބަރގްގެ ބިލިއަނަރުންގެ އިންޑެކްސް އިން ދައްކާ ގޮތުގައި، މިއަދާއި ހަމަޔަށް، ގޭޓްސް ހުރީ 124 ބިލިއަން ޑޮލަރުގެ މުދަލާއެކު ދުނިޔޭގެ 12 ވަނައިގައެވެ. އެއީ މައިކަލް ޑެލް އަދި މައިކްރޮސޮފްޓްގެ ކުރީގެ ސީއީއޯ ސްޓީވް ބޯލްމަރަށް ވުރެ އެތައް ދަރަޖައެއް ދަށެވެ.

ބިލް ގޭޓްސްގެ މުދާ މިފަދަ ބޮޑު ތަފާތަކަށް ދަށްވީ އޭނާ ހެޔޮކަމުގެ ގޮތުގައި ޑޮނޭޓް ކުރުމަށް ދީފައިވާ ފައިސާގެ މިންވަރަށް ބަލައި، ބްލޫމްބަރގްއިން އޭނާގެ މުދަލުގެ އަގު އަލުން ހިސާބުކުރުމަށްފަހު، 52 ބިލިއަން ޑޮލަރު މަދުކުރުމުންނެވެ. މިއީ ގޭޓްސް ހެޔޮކަމުގެ މަސައްކަތްތަކަށް ހިލޭ އެހީގެ ގޮތުގައި ދީފައިވާ ފައިސާ ރަނގަޅަށް ދައްކުވައިދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.

ގޭޓްސް ފައުންޑޭޝަންގެ ވެބްސައިޓުން ދައްކާ ގޮތުގައި، ބިލް ގޭޓްސް އާއި އޭނާގެ ކުރީގެ އަނބިކަނބަލުން މިލިންޑާ ގޭޓްސް ވަނީ މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ 60 ބިލިއަން ޑޮލަރު އެކި ފަރާތްތަކަށް ހަދިޔާކޮށްފައެވެ. ހަމަ އެހެންމެ، ގޭޓްސް ވަނީ އޭނާގެ ހެޔޮކަމުގެ މަސައްކަތްތަކަށް 2045 ވަނަ އަހަރާ ހަމައަށް 200 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަރަދުކުރާން ގަސްތުކުރާ ކަމަށް ބުނެފައެވެ.

މި އަހަރުގެ މެއި މަހު ގޭޓްސް ފައުންޑޭޝަނުން ބުނެފައިވަނީ، "އެ ފައުންޑޭޝަނަށް 25 އަހަރު ފުރުމާ ގުޅިގެން، ހުރިހާ ބަޔަކަށް ދުޅަހެޔޮ، ކުރިއަރާ ދިރިއުޅުމެއް ހޯދައިދިނުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި 200 ބިލިއަން ޑޮލަރު ހަރަދުކުރުމަށް ވައުދުވެފައިވާ" ކަމަށެވެ. މިއީ ފައުންޑޭޝަންގެ މަސައްކަތް ވަރަށް ބޮޑަށް އަވަސްކޮށް، 2045 ވަނަ އަހަރު އޭގެ ހަރަކާތްތައް ނިމުމަކަށް ގެނައުމަށް ކަނޑައެޅި ތާރީހެކެވެ.

މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސް އަށްވުރެ، މައިކްރޮސޮފްޓްގެ ކުރީގެ ސީއީއޯ ސްޓީވް ބޯލްމަރ މިހާރު މުއްސަނދިކަން ފާހަގަކޮށްލެވެއެވެ. ބޯލްމަރގެ މިހާރުގެ މުދަލުގެ އަގު 172 ބިލިއަން ޑޮލަރަށް އަރައެވެ. އެލޮން މަސްކް 1 ވަނައިގައި އުޅެނިކޮށް، ބޯލްމަރ ހުރީ ދުނިޔޭގެ އެންމެ މުއްސަދިންގެ ލިސްޓުގެ ފަސްވަނައިގައެވެ. ބިލް ގޭޓްސް އަށްވުރެ ކުރީގައި މި ލިސްޓުގައި ސަރގޭ ބްރިން، ވޮރެން ބަފެޓް، މައިކަލް ޑެލް، މާކް ޒަކަބަރގް، ލެރީ އެލިސަން އަދި ޖެފް ބެޒޯސް ފަދަ އެހެން ބިލިއަނަރުން ވެސް ހިމެނެއެވެ.