ތޮއްޖެހިފައިވާ މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލްގެ ޗީފް ސްޓްރެޖެޓީ އޮފިސަރު މުހައްމަދު އަމީޒް "ވަން" މިދިޔަ އަންގާރަ ދުވަހު ވިދާޅުވީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން 60 މީޓަރުގެ ކީވޯލެއް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ކީވޯލްގެ މަސައްކަތް މިއަންނަ އޯގަސްޓް މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި އޭރުން އެމްޕީއެލްގެ މިހާރު ހުރި ޖާގައިގެ ދަތިކަން ހައްލު ކުރެވޭނެ އަމީޒް ވިދާޅުވިއެވެ.

އަމީޒް ވިދާޅުވީ ބަނދަރުގެ ދެވަނަ ފިޔަވަހީގައި 100 މީޓަރުގެ ކީވޯލް ހެދުމަށް އިއުލާނުކޮށް، ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަމީޒް ވިދާޅުވީ ބޮޑެތި ބޯޓުތައް މާލޭ ބަނދަރުގައި ހުރި ކީވޯލާ ކައިރި ނުކުރެވޭ ކަމަށާއި އެހެންވެ ތިލަފުށީގައި ހަދަނީ ވަރަށް ފުން ކީވޯލްތަކެއް ކަމަށެވެ. އެހެންވެ ދެން ރާއްޖެއަށް އަންނަ ބޮޑެތި ބޯޓުތައް ކީވޯލްއާ ކައިރިކޮށް އަވަހަށް މުދާ ހުސްކޮށްލެވި، އިތުރު ޖާގަ ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަޝްރޫއަށް (މާލެ ވިޔަފާރި ބަނދަރު ތިލުފުއްޓަށް އެއްކޮށް ބަދަލުކުރަން) ޖުމުލަ 250 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ. އަދި މުޅި މަޝްރޫއުގެ މަސައްކަތް 2028 ގެ ކުރިއަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭ" އަމީޒް ވިދާޅުވިއެވެ.

ބަނދަރުގެ މެއިން ކީވޯލް ޖެހުމުގެ މަޝްރޫއު ނިންމާލެވޭނީ މިއަންނަ އަހަރުގެ ފަހުކޮޅުކަމަށް ވެސް އަމީޒް ވިދާޅުވިއެވެ. އޭރުން ރާއްޖެ އަންނަ ބޮޑެތި ހުރިހާ ބޯޓުތައްވެސް ތިލަފުށި ބަނދަރަށް ކައިރި ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލޭގެ ވެސަލް ކްލިއަރިން އޮޕަރޭޝަން އެއްކޮށް ތިލަފުއްޓަށް ބަދަލު ކުރެވިގެންދާނެކަމަށް އަމީޒް ވިދާޅުވިއެވެ.

ތިލަފުށީގައި ހަދާ ޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ ---- ފޮޓޯ: އެމްޕީއެލް

ތިލަފުށި ކްލިއަރެންސްއަށް ބަލާއިރު އެ މަސައްކަތް ތިލަފުށީގައި ފަށާނީ ޒަމާނީ ސީއެފްސީއާއެކު ކަމަށް އަމީޒް ވިދާޅުވިއެވެ.

"ކްލިއަރެންސްގެ މަސައްކަތް ތިލަފުށީގައި ފަށާއިރު، މިހާރު ހުރި އޮޕެން ސްޓްރޭރެޖްއަށް ވުރެ ރަނގަޅު ޒަމާނީ ފެސިލިޓީއެއް އެތާގަ ސީއެފްސީއަށް ހުންނާނެ. އެހެންކަމުން ވަރަށް އެފިޝެންޓް ސާވިސްތައް ދެވިގެންދާނެ" އަމީޒް ވިދާޅުވިއެވެ.

މާލެ ވިޔަފާރި ބަނދަރަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަން ކަމަށާއި ޖާގައިގެ ދަތިކަމާ ހެދި މާލޭ ވިޔަފާރި ބަނދަރު އޮޕަރޭޓް ކުރަމުންދަނީ ގާތްގަނޑަކަށް ދެގުނައަށްވުރެ ބޮޑު ކެޕޭސިޓީއެއްގައިކަމަށް އަމީޒް ވިދާޅުވިއެވެ. ވިޔަފާރި ބަނދަރުގެ ކެޕޭސިޓީއަކީ 1،500 ކޮންޓެއިނަރު ކަމަށްވިޔަސް މިހާރުވެސް 4،500 ކޮންޓެއިނަރު އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުގެ ބަނދަރަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޝޯ ކްރޭން ނުވަތަ މޯބައިލް ހާބަ ކްރޭން ފަދަ ވަސީލަތެއް ބޭނުން ކުރެވޭ ވަަރުގެ "ސްޓްރެންތް" ކީވޯލްގައި ނެތުން ކަމަށާއި އެހެންވެ މިހާރު މުދާ ބާލަން ޖެހެނީ ބޯޓުގައި ހުންނަ ޝިޕް ކްރޭން ބޭނުންކޮށްގެންކަމަށް އަމީޒް ވިދާޅުވިއެވެ. މި ކްރޭނުން މުދާ ބޭލުމަށް ގިނަ ވަގުތު ނަގާ ކަމަށާއި އެ ކްރޭނަކީ ގިނައިން މަރާމާތަށް ބޭނުންވާ ވަސީލަތަކަށް ވުމުން، ކޮންޓެއިނަރުތައް ބޭލުމުގެ މަސައްކަތަށް ވެސް ލަސްވެގެންދާކަން އަމީޒް ފާހަގަކުރެއްވިއެވެ.

ތިލަފުށި ޕޯޓު ޑިވެލޮޕްމަންޓު ޕްރޮޖެކްޓުގެ ދަށުން ޒަމާނީ ވަސީލަތްތަކާ އެކު ހަރުދަނާ އިންފްރާސްޓްރަކްޗާއެއް ގާއިމު ކުރުމާއެކު، އެ ދަތިތަކަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެކަމަށް އަމީޒް ވިދާޅުވިއެވެ. ތިލަފުށީ ޕޯޓު ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގެ މަޝްރޫއު ނިމުމާއެކު، މި ދަތިތަކަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށްވެސް އަމީޒް ވިދާޅުވިއެވެ.

އެ މަސައްކަތް ނިމުމާއެކު، ތިލަފުށީ ޕޯޓުގައި މުދާ ބޭލުމަށް މޯބައިލް ހާބާ ކްރޭން ބޭނުންކުރާނެ ކަމަށާއި މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ ހިދުމަތެއް ފޯރުކޮށްދޭ ބަނދަރަކަށް ވެގެންދާނެކަމަށް އަމީޒް ވިދާޅުވިއެވެ.

އަމީޒް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމުމުން، މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރެވޭނީ ކްރޫޒް ޓާމިނަލަކަށް ކަމަށެވެ. އެ ކްރޫޒް ޓާމިނަލާއެކު ކޮމާޝަލް ޑިވެލޮޕްމެންޓްސް އަދި ޕަބްލިކް ސްޕޭސްތަކެއްވެސް އެ ސަރަހައްދުގައި ހަދާނެ އަމީޒް ވިދާޅުވިއެވެ.