"ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނާއެކު ފުރަތަމަ ހެދި އެއްބަސްވުންތައް އުވާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރަން ސަރުކާރުން މަޖުބޫރުކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ކުރީގެ ގޯތީގެ ރަޖިސްޓަރީ އާއި އެއްބަސްވުން ބާތިލުކޮށް، އާ ރަޖިސްޓަރީ އާއި އެއްބަސްވުން ހާވަލުކުރަން ވަނީ ނިންމައިފައެވެ. ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ގެނެވުނު ބަދަލާ ގުޅިގެން ކުރިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ވެސް ވަނީ ބަދަލުވެފައެވެ. އަދި މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ވަނީ ގުރުނެގުން ވެސް ބާއްވައިފައެވެ.

އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އެ މައްސަލަ ބޭރުކޮށްލީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި 46 މެންބަރުންގެ ތެރެއިން 34 މެންބަރުންގެ ވޯޓުންނެވެ. އެ މައްސަލަ ބަލައިގަންނަން ވޯޓު ދިނީ 12 މެންބަރުންނެވެ. އެއީ އެމްޑީޕީގެ 11 މެންބަރުންނާއި ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސްއެވެ.

އެ ކުއްލި މައްސަލައިގައި މުހައްމަދު އިބްރާހިމް ވިދާޅުވެފައިވަނީ ގުޅިފަޅުން ގޯތި ލިބޭ މީހުން ކަނޑައަޅައި، އެ ލިސްޓުތައް ގެޒެޓުގައި ޝާއިއުކޮށް އެ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- (ފޮޓޯ/ މަޖިލިސް)

ނަމަވެސް މި ސަރުކާރުން އެ އެއްބަސްވުންތައް އުވާލައި، ގޯތި ދިނުމަށް އުސޫލަށް ބަދަލު ގެނެސް އަލަށް ހެދި އުސޫލުގެ ދަށުން އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރަން ގޯތި ލިބުނު މީހުންނަށް މަޖުބޫރުވާގޮތަށް ސަރުކާރުން އަންގަމުންދާ ކަމަށެވެ.

އެ މައްސަލައިގައި އިތުރަށް ބުނެފައިވަނީ:

  • އަމިއްލަ ފަރުދުންނާއެކު ސަރުކާރުން ހިންގައި ނިންމާފައިވާ އެއްބަސްވުމެއް، ސަރުކާރުން އަމިއްލައަށް އުވާލައި، އެއްބަސްވުމުހެ ޝަރުތުތަކާއި ދެ ފަރާތުން އެއްބަސްވެފައިވާ ކަންކަން އަމިއްލަ އަމިއްލައަށް ކަނޑައަޅައި އެފަދަ ލިޔުމެއްގައި ސޮއިކުރަން މަޖުބޫރުކުރުމަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން ހިލާފު އަދި އާންމުންގެ ހައްގުތަކަށް އުނިކަން ލިބޭ ކަމެއް ކަމަށް
  • އެ ކަމަކީ ގިނަ ރައްޔިތުންގެ ދިރިއުޅުމާއި އިޖުތިމާއީ ހާލަތާ ސީދާ ގުޅިފައިވާ ކަމެއް ކަަމަށް
  • އެހެންވެ އެ މައްސަލައިގައި މަޖިލީހުގައި ބަހުސްކުރަން ޖެހޭ ކަމަށް

ގޯތި ލިބުނު މީހުންނާއެކު މިނިސްޓްރީން އަލަށް ހަދާ އެއްބަސްވުމުގައި ވަނީ "މާލެ ސަރަހައްދު"ގެ ބަދަލުގައި "ރާއްޖޭގެ އެއްވެސް ސަރަހައްދަކުން" ގޯތި ލިބިފައިވާ މީހެއް ނޫން ކަމަށް އެއްބަސްވާންވާނެ ކަމަށް ބަޔާންކޮށްފައެވެ.

އެއްބަސްވުމުގައި އެގޮތަށް ހިމެނުމަށް މިނިސްޓްރީން ނިންމުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް، ސަރުކާރަށް ފާޑު ކިޔައިފައެވެ.

އެ ފާޑު ކިޔުންތަކަށް ރައްދު ދެއްވައި ހައުސިން މިނިސްޓަރު މުއްތަލިބު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުން ހަދާ އެއްބަސްވުންތަކަކީ ގާނޫނީ އެއްވެސް ފުށު އެރުމެއް ހުރި އެއްބަސްވުމަކަށް ވެގެންނުވާނެ ކަމަށެވެ.

ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެންނަން ޖެހުނީ އެ އެއްބަސްވުންތަކުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ. އަދި ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.