މިހާރު އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕަށްފަހު ލޫކާ މޮޑްރިޗް އޭސީ މިލާނާ ގުޅޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކްލަބާ އަލަށް ހަވާލުވި ކޯޗު، މަސިމިލިއާނޯ އަލެގްރީ ބުނެފިއެވެ.
އުމުރުން 39 އަހަރުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މޮޑްރިޗް، މި ސީޒަނަށްފަހު ރެއާލް މެޑްރިޑް ދޫކޮށްލާނެ ކަމަށް ކުރިންވެސް ވަނީ އިއުލާނުކޮށްފިއެވެ. އޭނާ ރެއާލް ދޫކޮށްލަނީ 13 އަހަރު ދުވަހަށްފަހުއެވެ.
"މޮޑްރިޗް އަހަރެމެންނާ ގުޅޭނެ އޮގަސްޓް މަހު. އޭނާއަކީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް،" ކުރިން ޔުވެންޓަސްއަށްވެސް ކޯޗުކަން ކޮށްދިން އެލެގްރީ، ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.
މޮޑްރިޗަކީ 2018 ވަނަ އަހަރު ބެލޮންޑިއޯވެސް ހޯދި ތަޖުރިބާކާރު ކުޅުންތެރިއެކެވެ. އޭނާ މިލާނާ ގުޅުން ވެގެންދާނީ އެ ކްލަބަށް މުހިއްމު ޓްރާންސްފާ އަކަށެވެ. މިލާނަށް މިދިޔަ ސީޒަން ވެގެން ދިޔައީ އުނދަގޫ ސީޒަނަކަށެވެ. އެޓީމު އަށްވަނައިގައި ނިންމާލީ ޔޫރަޕްގެ ޖާގައެއްވެސް ނުލިބިއެވެ.
"އަހަރެމެންނަށް އޮތް ކަމަކީ ކޮންމެ ދުވަހަކުވެސް ހުއްޓާނުލައި މަސައްކަތް ކުރުން. އެއީ އަހަރެމެންނަށް އަނބުރާ އިހުތިރާމު ހޯދެން އޮތް ގޮތަކީވެސް. އަހަރެމެން ސަޕޯޓަރުންގެ އެހީއާއެކު އެކަން ކުރަން މަސައްކަތް ކުރާނަން،" އެލެގްރީ ބުންޏެވެ.
މޮޑްރިޗް މިވަގުތު ތައްޔާރުވަމުންދަނީ ރެއާލާއެކު ކްލަބު ވޯލްޑް ކަޕުގެ ސެމީ ފައިނަލަށެވެ. ސެމީގައި ރެއާލް ނުކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ.
ލޫކާ މޮޑްރިޗް
ލޫކާ މޮޑްރިޗް
ލޫކާ މޮޑްރިޗް
ލޫކާ މޮޑްރިޗް