ތިލަފުށި ޕޯޓުގެ މަސައްކަތް ނިންމައި، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭ އޮޕަރޭޝަނަށް ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އެމްޕީއެލްގެ މެނޭޖަރު އިބްރާހިމް ވިޝާން ރަޝީދު ވިދާޅުވީ އެމްޕީއެލް ތިލަފުށީގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކޮންޓެއިނަރުތައް ބަހައްޓާނެ ތަނުގެ މަސައްކަތްތައް ކަމަށެވެ.

"މަސައްކަތް ހަވާލުކޮށްގެން މި އުޅެނީ އެމްޓީސީސީއާ. ޖެޓީއެއް ހެދުމުގެ 80 ޕަސެންޓު، މިހާރު އެ މަސައްކަތް އޮތީ ނިމިފައި. އެމްޕީއެލްގެ ފަރާތުން މިހާރު ކުރަމުންދާ މަސައްކަތަކީ އެކޮޅު އޮޕްރޭޝަނަށް ގެނައުމުގެ ކުރިން ޔޫޓިލިޓީސްގެ މަސައްކަތްތައް. މި ބަލަނީ އޮގަސްޓު މަހުގެ މެދެއްހާ ތަނަށް ނިންމައި ސެޕްޓެމްބަރު މަހު އޮޕްރޭޝަނަށް ގެނެވޭނެ ކަމަށް،" ވިޝާން ވިދާޅުވިއެވެ.

އެމްޕީއެލްގެ ފެސިލިޓީޒް ޑިޕާޓްމަންޓުން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ގްރައުންޑް ލެވެލްކުރުމާއި އެތަނުގެ އިލެކްޓްރިކަލް މަސައްކަތްތަކާއި އަދި މުވައްޒަފުން ބަދަލުވާއިރު އޮފީސް އިމާރާތް ބަދަލުކުރުމުގެ މަސައްކަތް ފަދަ ކަންކަން ކުރިއަށްގެންދާ ކަމަށެވެ. އަދި އެއީ ސީދާ އެމްޕީއެލްގެ މުވައްޒަފުން ކުރަމުންގެންދާ މަސައްކަތް ކަމަށްވެސް ވިސާން ފާހަގަކުރެއްވިއެވެ.

އެމްޕީއެލްގެ ބިޒްނަސް ޑިވެލޮޕްމަންޓު މެނޭޖަރު މުހައްމަދު އައިމަން އަލީ ވިދާޅުވީ، ޖުމުލަކޮށް އޮޕްރޭޝަންތަކުގައި 700 މުވައްޒަފުންނާއި 1000 މުވައްޒަފުންނާ ދޭތެރޭގައި ޕޯޓު ސާވިސް ސްޓާފުން ލައިގެން މަސައްކަތްކުރަމުންގެންދާ ކަމަށެވެ.

ރާއްޖޭގެ އިގުތިސާދުގެ ދުވެލި ހަލުވިވަމުންދާ ވަރަކަށް އެމްޕީއެލަށް އިތުރަށް މުދާވެސް އަންނާނެ މިންވަރު ނިސްބަތްކޮށް އެ ބާރުމިނުގައި އެމްޕީއެލް ތިލަފުށި ޕޯޓު ތަރައްްގީގެ މިސްރާބަށް ވާސިލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށާއި ސިނާއަތްތަކަށް އިތުރު ހަދަރުތަކެއް ނުހިނގާގޮތަށް ހިދުމަތްތައް ރަނގަޅުކުރާނެގޮތެއް ވެސް ހޯދޭނެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް އޮގަސްޓު މަހުގެ ނިޔަލަށް މަސައްކަތް ނިމޭނެ ކަމަށް މި ބަލަނީ، އަދި ސެޕްޓެމްބަރު މަހުން ފެށިގެން މުދާ ގެންނަ ފަރާތްތަތަކަށް ހިދުމަތް ދެވޭނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ފުރަތަމަ ފިޔަވަހީގެ ދަށުން އިތުރު ތިލަފުށި ކާގޯ ހެންޑްލިންގް ފެސިލިޓީގެ ނަމުގައި 100 މީޓަރުގެ މަގަތު ފާލަމަކާ އެކީގައި އިތުރު ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އައިމަން ވިދާޅުވީއެވެ.

"އޭގެ ސަބަބުން މިހާރު ކޮންޓެއިނާ ބާލައި ހެދުން ރައްކާތެރިވެ، އަދި އެ މެނުއަލް ޕްރޮސެސްތައް، މާނައަކީ މަސައްކަތްކުރާ ފަރާތްތަކުން އެ ތަންތަނަށް އަރައި އެ ހުރިހާ ޕްރޮސެސްތައް ނެތިގެންދާނެ. އެހެންވީމަ އެކްސިޑެންޓުތަކާއި އެއްޗެހި މަދުވެ ދުވެލިވެސް އަވަސްވެގެންދާނެ. އެހެންވީމަ ޕްރޮޖެކްޓު ރާވައި ހިންގަން ޓެންޑަރިންގެ ޕްރޮސެސް މިހާރު ކުރިއަށް މިދަނީ،" އައިމަން ވިދާޅުވިއެވެ.

އައިމަން އިތުރަށް ވިދާޅުވީ ތިލަފުށީ ޕޯޓަކީ އެއްފަހަރާ 1600 އާއި 1800 އާ ދެމެދުގެ ބަރުކޮށްފައިވާ ކޮންޓެއިނާ ރައްކާކުރެވި އެތަނުގައި ހިދުމަތްދެވޭނެ ތަނެއް ކަމަށެވެ. އެކަން ކުރުމަށްޓަކައި މިހާރު ބޭނުންކުރާ ޝިފްޓް ގިއާ ނުވަތަ ބޯޓުގައި ހުންނަ ކެރޭނުތަކުގެ ބަދަލުގައި އެމްޕީއެލުން އެތަނުގައި ދެ މޯބައިލް ހާބާ ކްރޭނު ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.