އެންޓި ޑިފެކްޝަން ގާނޫނު ނެތްނަމަ މިހާރު މަޖިލީހުގައި ތިބި އެމްޑީޕީ މެންބަރުން ޕާޓީ ބަދަލު ކުރާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ އެމްއެމްޕީއާރްސީ އާއި އެމްއައިޓީޑީސީގެ ހާލަތު ދިރާސާކުރުމަށްފަހު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓަށް ވާހަކަ ދައްކަވަމުންނެވެ.

ފަލާހުގެ ވާހަކައިގައި ނިމިދިޔަ އެމްޑީޕީ ސަރުކާރަށާއި މަޖިލީހުގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެ މެންބަރުން ހިއްސާވާ ކުންފުނިތަކަށް ނުއަގުގައި މަޝްރޫއުތައް ދީ، އެ މަޝްރޫއުތަކުގެ މަސައްކަތްކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތައް ބަނގުރޫޓުވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ހަގީގަތަކީ އެމްޑީޕީގެ ވެރިކަމުގައި އެމްޑީޕީން މިގައުމުގެ ކުންފުނިތަކާއި މިނިސްޓްރީތައް ބަނގުރޫޓުކޮށްލައި ހަލާކުކޮށްލައި ވީރާނާކޮށްލާފަ ވަނީ،" އެމްޑީޕީގެ މެންބަރުންނަށް ސަރުކާރު ކުންފުނިތަކާ ބެހޭގޮތުން ވާހަކަ ނުދެއްކޭނެ ކަމަށް ވިދާޅުވަމުން ފަލާހު ވިދާޅުވި އެވެ.

"އެއްވެސް ކުންފުންޏެއް ސަލާމަތަކުން ނެތް. އާރްޑީސީ ވިޔަސް ފެނަކަ ވިޔަސް އެމްޓީސީސީ ވިޔަސް އެމްޑަބްލިއުއެސްސީ ވިޔަސް މިހުރިހާ ކުންފުނިތައް ހުރީ ބަނގުރޫޓުކޮށްލާފަ،"

އޭރުގެ މަޖިލީހުގެ މެންބަރުންނާއި ވަޒީރުން ގުޅިގެން މަޝްރޫއުތަކުގައި ސޮއިކޮށް ބޮޑެތި އަދަދުތަކުން އެޑްވާންސް ނަގައި، މަސައްކަތްކޮށްފައި ނުވާކަމަށް ފަލާހު ވިދާޅުވި އެވެ. އެ މައްސަލަތައް މަޖިލީހުގެ ކޮމެޓީތަކުންނާއި ފުލުހުން އަދި އޭސީސީން ބަލަން ޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.

"ހުރިހާ ކުންފުންޏެއް ބަނގުރޫޓުކޮށްލީ އެމްޑީޕީން،" އަޑަށް ބާރުލައި ތަކުރާރުކޮށް ފަލާހު ވިދާޅުވި އެވެ.

އެ މައްސަލަތައް ބަލާނެ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

"ޕާޓީވެސް ބަދަލުކުރާނެ އެބުނާހެން އެންޓި ޑިފެކްޝަން ގާނޫނު ނެތްނަމަ. އެކަމަކު އަޅުގަނޑުމެން އެއޮތީ އެ ފާސްކޮށްފަ ބޭނުމެއް ނޫން އެންމެ މެންބަރަކުވެސް، ރައްޔިތުން ތިބީ ވާވަރަށް އަޅުގަނޑުމެންނަށް މެންބަރުން ދީފަ،"

ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީ މިދިޔަ އަހަރުވަނީ އިސްލާހުކޮށްފަ އެވެ.