ރައީސް މުހައްމަދު މުއިއްޒު ފަނޑިޔާރުގެއަށާއި ފަނޑިޔާރުންނަށް ނުފޫޒުފޯރުވާފައި ނުވާނެ ކަމަށާއި އެފަދަ ހެއްކެއް އެއްވެސް މީހަކަށް ނުދެއްކޭނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހަޅުއްވާފައިވާ ބިލަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ ރައީސް މުއިއްޒަކީ އަދުލުއިންސާފުގެ ދާއިރާއަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނެތް ރައީސެއް ކަމަށެވެ.

"އިއްޒަތްތެރި ރައީސް އަޅުގަނޑުމެންގެ މިއަދުގެ މިވެރިކަމަށް އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަކީ މިހާހިސާބަށް އައިއިރު އަދުލު އިންސާފުގެ ދާއިރާއަށް އެންމެ، އެންމެއެއް ނޫން އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާފައި ނެތް ރައީސެކޭ ދަންނަވަން ކެރިދާނެ، އެއީ ޝައްކެއް އޮތް ކަމެއް ނޫން" ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވެރިކަމަށް ދޮޅުއަހަރުވެގެން ދިޔައިރުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ފަނޑިޔާރުގެއަށް އަސަރު ކުރާނެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާނެ އެއްވެސް ހެއްކެއް އެއްވެސް ދިވެހި ރައްޔިތަކަށް ދެއްކޭކަށް ނޯންނާނެ، އެމްޑީޕީއަކަށްވެސް ނޯންނާނެ، އެބޭފުޅުންވެސް ޝުކުރު އަދާކުރަން ޖެހޭނެ ކަމެއް އެއީ،"

މި ސަރުކާރުން މިހާތަނަށް ވަކިކުރި ދެ ފަނޑިޔާރުން ވަކިކޮށްފައިވަނީ މައްސަލަތަކެއް ހުރެގެން ކަމަށް އެމްޑީޕީންވެސް ގަބޫލުކުރާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހުވަނީ މިހާތަނަށް ރާއްޖޭގައި ވެރިކަމެއްގެ ތެރޭގައި ފަނޑިޔާރުގެއަށް އެންމެ ބޮޑަށް އަތްބާނައި، ނުފޫޒު ފޯރުވާފައިވަނީ އެމްޑީޕީގެ މިދިޔަ ވެރިކަމުގައި ކަމަށް ތުހުމަތުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި، ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭގައި 8 ފަނޑިޔާރުން ވަކިކޮށްފައިވާ ކަމަށާއި، 12 ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 35 ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވީމަ އެއީ މިހާތަނަށް ރާއްޖޭގައި ވެރިކަމެއްގެ ތެރޭގައި ފަނޑިޔާރުގެއަށް އެންމެ ބޮޑަށް އަތްބާނައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިފައި އޮތް ވެރިކަމަކީ އެމްޑީޕީގެ 2 ވެރިކަން،"