މޯލްޑިވިއަންގެ ފުރަތަމަ އިންޖިނިއަރިން ސާވިސް ބިލްޑިން ހުޅުވައިފިއެވެ.

ތިން ބުރީގެ އިންޖިނިއަރިން ސާވިސް ބިލްޑިން ހުޅުވާފައިވަނީ އެ ކުންފުނީގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި ގިނަ ދުވަސްތަކެއް ވާންދެން މަސައްކަތް ކުރި އަލީ ފިރާގުގެ ނަމާ ގުޅުވައިގެން "އަލީ ފިރާގް އިންޖިނިއަރިން ސާވިސް ބިލްޑިން" ގެ ނަމުގައެވެ.

މޯލްޑިވިއަންގެ އިންޖިނިއަރިން ސަވިސް ބިލްޑިން ހުޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. މި ބިލްޑިން ހުޅުވާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިބްރާހިމް އިޔާސް ވިދާޅުވީ، އެ އިމާރާތް ހެދުމުގެ ހިޔާލު ފިރާގު ދިނީ 2015 ވަނަ އަހަރު ކަމަށާއި 2016 ވަނަ އަހަރު މި މަސައްކަތުގެ ޕްރޮޕޯސަލް ތައްޔާރުކޮށް އޭނާ މެނޭޖްމަންޓަށް ހުށަހެޅި ކަމަށެވެ. އަދި 2021 ވަނަ އަހަރު ކުންފުނީގެ ބޯޑުން މިމަޝްރޫއަށް ބޭނުންވާ ބަޖެޓް ފާސްކޮށް، 2022 ވަނަ އަހަރު އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ވަރަށް ގިނަ ބައެއްގެ ހިތްވަރާއި ބުރަ މަސައްކަތް ކަމަށާއި މި އިމާރާތާއެކު މަސައްކަތް އިތުރަށް އަވަސްވެ އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"މި އިމާރާތުން އަޅުގަނޑުމެންގެ މުވައްޒަފުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ. އަދި މަސައްކަތް ކުރުމުގެ މާހައުލު ރަނގަޅުކުރެވި މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ. މި އިމާރާތަކީ ކުންފުނީގެ މަތިންދާ ބޯޓުގެ ސްޕެއާތައް ބެލެހެއްޓުމަށް ހާއްސަ ކުރެވިގެން މިހާތަނަށް އަޅުގަނޑުމެން ބިނާކުރި ފުރަތަމަ އިމާރާތް. މިއީ އަދި މުސްތަގުބަލަށް ޓަކައި މި ކުންފުނިން ކުރި ވަރަށް ބޮޑު އިންވެސްޓްމަންޓެއް،" އިޔާސް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ ވެލާނާ އިންޓަނޭޝަލަން އެއާޕޯޓްގައި އާ އިންޖިނިއަރިން ސާވިސް ބިލްޑިންގެއް ހުޅުވިގެން ދިއުމަކީ މޯލްޑިވިއަންގެ މެއިންޓަނަންސާއި އެފަދަ ކަންކަމަށް ކުރަމުން އަންނަ ހަރަދުތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އާ ބިލްޑިންގުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަން ވެސް އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް އަންނަ ގިނަ އެއާލައިންތަކެއްގެ މެއިންޓަނަންސްގެ ހިދުމަތް މޯލްޑިވިއަނުން ދެމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ސާވިސް ފެސިލިޓީއާ އެކު އެކަމަށް ވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި އެ އިމާރާތުން ބޯޓުތަކުގެ އިންޖިނިއަރިންނާ ގުޅޭ ހިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ. އަދި އެ އިމާރާތުގައި އެއާކްރާފްޓްތަކަށް ބޭނުންވާ ސްޕެއާ އާއި އޮފީސް ޖާގައިގެ އިތުރުން ކޮލިޓީ އާއި ސޭފްޓީ އާއި ސެކިއުރިޓީ ގުޅޭ ހިދުމަތްތައް ދޭނެއެވެ.

މޯލްޑިވިއަން އިން ބުނީ އާ އިމާރާތާ އެކު އިންވެންޓްރީ އާއި ލޮޖިސްޓިކްސް ޕްރޮސެސް ވެސް ފަސޭހަވާނެ ކަމަށެވެ. އަދި މަތިންދާ ބޯޓުތަކާ ގުޅޭ ޓެކްނިކަލް ހުރިހާ ހިދުމަތެއް ދޭން ފެށުމުން ހިދުމަތުގެ ފެންވަރު ރަނގަޅުވެ، އެ ބޭނުންވާ ހިދުމަތެއް ފަސޭހައެއް ދެވޭނެ ގޮތްތައް ފަހިވާނެ ކަމަށެވެ.