ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ ޝެންޒެން އަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ބުނީ، ޗައިނާގެ ޝެންޒެންއަށް ކުރާ ފުރަތަމަ ދަތުރު އޮންނާނީ މިރޭ ކަމަށެވެ. އެ ސިޓީން ރާއްޖެއަށް ދަތުރު ކުރާނީ ބުދަ ދުވަހު ކަމަށްވެސް ބުންޏެވެ.

މޯލްޑިވިއަން އިން ބުނީ، ޝެންޒެންއަށް ދަތުރުތައް ފެށީ މި ދުވަސް ވަރު އެ ސަރަހައްދުން ރާއްޖެއަށް އަންނަން ޑިމާންޑް ބޮޑުވުމުން ކަމަށާއި އެއީ ސީޒަނަލް ދަތުރުތަކެއް ކަމަށެވެ. އެގޮތުން އަންނަ މަހުގެ 21 ގެ ނިޔަަލަށް ކޮންމެ ހަފުތާއަކު އެއް ދަތުރު ކުރާނެ ކަމަށް ބުންޏެވެ.

ޝެންޒެން ދަތުރުތަކަށް މޯލްޑިވިއަނުން ބޭނުންކުރާނީ އެ އެއާލައިންގެ ފްލީޓްގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ބޯޓު އޭ-320 މަރުކާގެ މަތިންދާ ބޯޓެވެ.

ޝެންޒެން ސިޓީއަށް މޯލްޑިވިއަންގެ ދަތުރުތައް މިރޭ ފަށާއިރު، މޯލްޑިވިއަން އިން އަންނަނީ އެ އެއާލައިންގެ ފުރަތަމަ ވައިޑްބޮޑީ އެއާކްރާފްޓް، އޭ-330 ގައިި ޗައިނާގެ ޗެންގްޑޫ، ބެއިޖިން އަދި ޝެންހާއީއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.